އޮލިމްޕަހުގައި ބޭރު ފިލްމު އަޅުވަން ފަށަނީ، ފުރަތަމަ ބޮލީވުޑްގެ "ޝެހްޒާދާ"

އަހަރު ތަކަކަށް ފަހު އޮލިމްޕަހުގައި ރާއްޖެއިން ބޭރުގެ ފިލްމުތައް އެޅުމަށް ތައްޔާރުވެއްޖެ އެވެ. މީގެ ކުރިން ހިންދީ ފިލްމުތައް އެޅުވި އޮލިމްޕަހުގައި މި ފަހުގެ އަހަރުތަކުގައި އަޅުވާފައިވަނީ ދިވެހި ފިލްމު...

17 Feb 2023 | 05:29

އަހަރު ތަކަކަށް ފަހު އޮލިމްޕަހުގައި ރާއްޖެއިން ބޭރުގެ ފިލްމުތައް އެޅުމަށް ތައްޔާރުވެއްޖެ އެވެ.

މީގެ ކުރިން ހިންދީ ފިލްމުތައް އެޅުވި އޮލިމްޕަހުގައި މި ފަހުގެ އަހަރުތަކުގައި އަޅުވާފައިވަނީ ދިވެހި ފިލްމުތަކާއި ދިވެހި ފަންނާނުންގެ ޝޯތަކެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އޮލިމްޕަސް މިމަހުގެ ފަސް ވަނަ ދުވަހު ހުޅުވީ ބޮޑު މަރާމާތުތަކެއް ކުރުމަށް ފަހު އެވެ.

އޮލިމްޕަހުގައި ފިލްމު އަޅުވާ ސްޓާ ސިނަމާއިން ބުނީ ބޭރު ފިލްމުތައް ދައްކަން ފަށާނީ މިއަދު ކަމަށެވެ. އެގޮތުން މިއަދު ހަވީރު ފުރަތަމަ އެޅުމަށް ހަމަޖެހިފައިވަނީ މިއަދު ރިލީޒް ކުރާ ބޮލީވުޑްގެ ފިލްމު "ޝެހްޒާދާ" ކަމަށް ބުންޏެވެ.

މިއަދު ހަވީރު އެ ފިލްމުގެ އެއް ޝޯ ދެއްކުމަށް ފަހު މާދަމާރެއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް އެ ފިލްމު ދައްކާނީ ރޭގަނޑު އެވެ. މި ފިލްމުގެ ޓިކެޓު ވިއްކަނީ 130 ރުފިޔާއަށެވެ.

އެ ކުންފުނިން ބުނީ ކުރިޔަށް އޮތްތާ ބޮލީވުޑް، ހޮލީވުޑް އަދި ތަމަޅަ ފިލްމާއި ޓެލުގޫ އަދި ފިލިޕީންސް ފަދަ ގައުމުތަކުގެ ފިލްމުތައް ދައްކާނެ ކަމަށެވެ. ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުގައި ވިއްކަމުން އަންނައިރު 7201199 އަށް ގުޅައިގެން ވެސް ޓިކެޓް ބުކް ކުރެވޭނެ ކަމަށް ސްޓާ ސިނަމާ އިން ބުންޏެވެ.

އޮލިމްޕަހުގައި މިހާރު އަޅުވާފައި އޮތީ ޑާކްރެއިން އެންޓަޓައިންމެންޓުގެ ފިލްމު "ބީވީމާ" އެވެ. ކުރިޔަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ "ލޯބިވެވިއްޖެ" އެވެ. އެ ފިލްމު ރިލީޒް ކުރާނީ މާޗް ތިން ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް