ހުކުރު ދުވަހުގެ މާތްކަމުގެ ތެރެއިން- ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މީހުން ކަށްވަޅުގެ ފިތުނައިން ސަލާމަތް ކުރެއްވުން

ހުކުރު ދުވަސް އެއީ ހަފްތާއަކު އެއްފަހަރު މުސްލިމްތަކުންނަށް އަންނަ ޢީދެކެވެ. އަދި އެއީ ދުވަސްތަކުގެ ތެރެއިން އެންމެ މޮޅު ދުވަސްކަމުގައި ﷲ ލެއްވިއެވެ. އެއީ އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތ...

17 Feb 2023 | 04:43

ހުކުރު ދުވަސް އެއީ ހަފްތާއަކު އެއްފަހަރު މުސްލިމްތަކުންނަށް އަންނަ ޢީދެކެވެ. އަދި އެއީ ދުވަސްތަކުގެ ތެރެއިން އެންމެ މޮޅު ދުވަސްކަމުގައި ﷲ ލެއްވިއެވެ. އެއީ އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހެވެ.

ހުކުރު ދުވަސް ގަންދެއްވައި، ﷲ ތަޢާލާ ކީރިތި ޤުރުއާނުގެ ބުރޫޖު ސޫރަތުގައި ހުވާގެ ބަސްފުޅު ވަޙީކުރައްވާފައިވުމުން އޭގެން ދަލީލުކޮށްދެނީ އެދުވަހުގެ މުހިންމުކަމަށެވެ. އެހެނީ އެފަދައިން އެއްޗެއް ގަންދެއްވައި އެއިލާހު ހުވާގެ ބަސްފުޅު ވަޙީކުރައްވަނީ ވަރަށް މުހިންމު އެއްޗިއްސާ ބެހޭގޮތުންނެވެ. އެގޮތުން އެސޫރުތަގައިވާ އަންނަނިވި އާޔަތުން އެކަން ދޭހަވެއެވެ.

﴿وَشَاهِدٍ وَمَشْهُودٍ﴾ [سورة البروج ٣]

މާނައީ: “އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.”

މިއާޔަތުގައިވާ شَاهِدٍ (ހެކިދޭ ފަރާތް) އަކީ ހުކުރު ދުވަހެވެ.

އެފަދައިން ޙަދީޘް ބަަސްފުޅެއްގައިވެސް އައިސްފައިވެއެވެ.

((اليَوْمُ المَوْعُودُ يَوْمُ القِيَامَةِ، وَاليَوْمُ المَشْهُودُ يَوْمُ عَرَفَةَ، وَالشَّاهِدُ يَوْمُ الجُمُعَةِ)) [1]»

މާނައީ: “ވަޢުދުކުރައްވާފައިވާ ދުވަހަކީ ޤިޔާމަތް ދުވަހެވެ. އަދި ހެކިދެވޭ ފަރާތަކީ ޢަރަފާތް ދުވަހެވެ. އަދި ހެކިދޭ ފަރާތަކީ ހުކުރު ދުވަހެވެ.”

ގިނަ މުފައްސިރުން ބުރަވެވަޑައިގަންނަވަނީ އެގޮތަަށެވެ.

އެދުވަހަށް އެނަމުން ނަންދެވެނީ އެދުވަހުގައި މީސްތަކުން ކުރާ ޢަމަލުތަކަށް އެދުވަސް ހެކިދޭނެއެވެ. އަދި އެހެން ދުވަސްތައްވެސް ހަމައެފަދައިން ހެކިދޭނެއެވެ.

ހުކުރު ދުވަހުގެ މާތްކަމުގެ ތެރޭގައި، ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މީހުން ކަށްވަޅުގެ ފިތުނައިން ﷲ ތަޢާލާ ސަލާމަތް ކުރައްވަވައެވެ. އެފަދަ މަރެއް އެއީ ހެޔޮ ނިމުމެއްގެ ޢަލާމާތެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. ((مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلا وَقَاهُ اللَّهُ فِتْنَةَ الْقَبْرِ)) މާނައަކީ: “ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ﷲ ތަޢާލާ ސަލާމަތް ކުރައްވައެވެ.”

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް