ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އާސިރު އިސްމާއިލް ފެނިއްޖެ އެވެ.
އެކަން ފުރަތަމަ ހާމަ ކުރެއްވީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި އެވެ. އައްޑޫ ސިޓީ މަރަދޫ، ގަސްކަރަ، އުމުރުން 31 އަހަރުގެ އާސިރު ފެނިފައި މިވަނީ ގެއްލިގެން ހޯދާތާ13 ދުވަސް ފަހުންނެވެ.
އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އާސިރު ފެނިފައިވަނީ މިރޭ ކަމަށެވެ. އަދި އޭނާ ހޯދުމަށް ފުލުހުން ކުރެއްވި ބުރަ މަސައްކަތަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ފެނުނު އިރު އާސިރުގެ ހާލު ރަނގަޅު ކަމަށެވެ. އެކަމަކު އޭނާ ފެނުނު ތަނެއް އަދި ފެނުނު ތަން ދެނެގަތް ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން މިއަދު ބުނީ އާސިރު ގެއްލިގެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ކެމެރާތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓް ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭ ކަމަށެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ މާލެއިން ޓެކްސީއެއްގައި އެއާޕޯޓަށް ދިޔަތަނެވެ. ސީސީޓީވީ ކެމެރާ ފުޓޭޖުތަކުގެ އެހީގައި ހޯދި އެމައުލޫމާތުތަކަށް ބަލައި ފުލުހުން ވަނީ އޭނާ ދަތުރު ކުރި ޓެކްސީ ޑްރައިވަރު ހޯދައި ސުވާލުކޮށްފައި އެވެ.
އާސިރު ފެނިފައި މިވަނީ އޭނާ ހޯދުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ އާއި މާލެ ސަރަހައްދުގެ ރަށްތަކުގެ ގެސްޓު ހައުސްތަކާއި ރާއްޖޭގެ ހުރިހާ ރަށެއް ބެލުމުގެ މަސައްކަތް ފުލުހުން ފެށިކަން އިއުލާނު ކުރި ފަހުންނެވެ. އެތަންތަން ބަލަން ނިންމީ ވައިގެ މަގުން އޭނާ ރާއްޖެއިން ބޭރަށް އަދި އެތެރޭގެ އެއްވެސް ރަށަކަށް ގޮސްފައި ނުވާކަން އެއާލައިންތައް މެދުވެރިކޮށް ޔަގީން ކުރުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް