އަންނަ ސީޒަނަށް ޕޯޗުގަލް އާއި މެންޗެސްޓާ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް ޔޫރަޕުގެ މަޝްހޫރު ތިން ކުލަބަކުން ޝައުޤުވެރި ވާކަމަށް ދުނިޔޭގެ މަޝްޙޫރު ގިނަ މީޑިއާ ރިޕޯޓުތަކަކުން ބުނެފިއެވެ.
ނިމިގެން ދިޔަ ހޫނު މޫސުމުގައި އިޓަލީގެ ޔުވެންޓަސްއިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ މި ސީޒަނަށް ފަހު ޔުނައިޓެޑު ދޫކޮށްލަފާނެ ކަމަށް ބެލެވޭއިރު، އޭނާ ހޯދުމަށް ޖަރުމަންގެ ބަޔާން މިޔުނިކާއި ފްރާންސްގެ ޕީއެސްޖީގެ އިތުރުން އިޓަލީގެ ރޯމާ އިން ދަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ފަހަކަށް އައިސް ޔުނައިޓެޑުގެ ފޯމް ދައްވެ ގަދަ ހަތަރަކުން ވެސް ޖާގައެއް ނުލިބިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޔުނައިޓެޑް ކޮލިފައި ނުވެއްޖެ ނަމަ ރޮނާލްޑޯ ކުލަބު ބަދަލުކުރަން ތައްޔާރު ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ކަމުގެ މަޝްވަރާތައް ވެސް މިހާރު ރޮނާލްޑޯގެ އޭޖެންޓް މެންޑޭސް އާއި ރޮނާލްޑޯ ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މިހާރު އުމުރުން 37 އަހަރުގެ ރޮނާލްޑޯ ހޯދުމަށް މީގެ ކުރިންވެސް ފްރާންސްގެ ޕީއެސްޖީން މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވާއިރު، ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ރޮނާލްޑޯ އަށް ޝައުގުވެރިވާކަން ކުރިންވެސް ވަނީ ހާކަމޮށްފައެވެ. ރޮނާލްޑޯ ނިމިގެން ދިޔަ ސީޒަނުގައި ޔުވެންޓަސް ދޫކޮށްލުމުގެ ވާހަކަތައް މީޑިއާގައި ފެތުރެން ފެށި ހިސާބުން މޮރީނިއޯ ވަނީ ރޮނާލްޑޯ އޭނާގެ ޓީމަށް ބޭނުން ވާ ކަމަށް ބުނެފައެވެ.
މީގެ އިިތުރުން ޖަރުމަނުގެ ބަޔާން މިޔުނިކުން ވެސް މި ސީޒަނަށް ފަހު އެޓީމަށް ކުޅެމުން އަންނަ ޕޮލަންޑްގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ ކުލަބު ދޫކޮށްލަފާނެ ކަމަށް ބެލެވޭއިރު، އޭގެ ބަދަލުގައި އެ ކުލަބުން މަސައްކަތް ކުރަނީ ރޮނާލްޑޯ ގެނައުމަށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ބައެއް އިނގިރޭސި މީޑިއާ ރިޕޯޓު ތަކުން ޚަބަރު ފަތުރާ ގޮތުގައި ރޮނާލްޑޯ ޔުނައިޓެޑްގައި މިހާރު ހުރީ އުފަލަކުން ނޫނެވެ. އަދި ޓީމުން ނެރެމުން ދާ ދައް ނަތީޖާ ތަކާއި އެކު ޓީމުން ދައްކަމުން އަންނަ ދައް ޕާފޯމަންސް އާއި މެދު ރޮނާލްޑޯ ހުރީ ވަރަށް ބޮޑަށް ހިންހަމަ ނުޖެހިފަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އެހެން ކަމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޔުނައިޓެޑަށް ނުކުޅެވޭ ގޮތް ވެއްޖެ ނަމަ ރޮނާލްޑޯ ކުލަބު ބަދަލުކުރުމަކީ އޮތް ގޮތް ކަމަށް ވެސް މި ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން އަންނަ ސީޒަނުގައި ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާނަމަ އޭނާ ބަދަލުވުން އެންމެ ގާތީ ފްރާންސްގެ ޕީއެސްޖީއަށެވެ. ޕިއެސްޖީ އަކީ ރޮނާލްޑޯ އާއި އެންމެ ވާދަވެރި ކުޅުންތެރިން ތެރިއާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީވެސް ކުޅެމުން އަންނަ ކުލަބެވެ.
ރޮނާލްޑޯ އަކީ މިވަގުތު ޔުނައިޓެޑުގައި ހުރި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިއާ އެވެ. މުސާރައިގެ ގޮތުގައި ރޮނާލްޑޯ އަށް ޔުނައިޓެޑުން ހަފުތާއަކު 662,301 ޑޮލަރު ދެއެވެ. އެއީ އަހަރަކަށް 34.4 މިލިއަން ޑޮލަރެވެ. މި މުސާރައާ އެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ޔުނައިޓެޑްގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ އަށެވެ. ކުރިން ޔުނައިޓެޑްގައި އެންމެ ބޮޑު މުސާރައެއް ލިބެނީ ކީޕަރު ޑޭވިޑް ޑެހެއާ އަށެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި ދެނީ ހަފުތާ އަކު 517,162 ޑޮލަރެވެ.
ރޮނާލްޑޯ ވަނީ މިހާތަނަށް މި ސީޒަނުގައި ޔުނައިޓެޑަށް ކުޅެދިން 27 މެޗުގައި 15 ގޯލު ކާމިޔާބު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް