ކުއްޖަކު ވަޅެއްގައި ތާށިވެގެން އުޅޭތާ ދެ ދުވަސް، މިފަހަރު އަފްގާނިސްތާނުުގައި

އަފްގާނިސްތާނުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްްވާ ޒަބޫލްގެ ޝޯކަކް އަވަށުގައި ކުޑަކުއްޖަކު ފުން ވަޅަކަށް ވެއްޓިގެން އުޅޭތާ ދެ ދުވަސް ވެއްޖެ އެވެ. އެ ވަޅުގެ 33 ފޫޓު އަޑީގައި ތާށިވެފައިވަނީ އުމުރުން ނުވަ ...

17 Feb 2022 | 16:07

އަފްގާނިސްތާނުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްްވާ ޒަބޫލްގެ ޝޯކަކް އަވަށުގައި ކުޑަކުއްޖަކު ފުން ވަޅަކަށް ވެއްޓިގެން އުޅޭތާ ދެ ދުވަސް ވެއްޖެ އެވެ.

އެ ވަޅުގެ 33 ފޫޓު އަޑީގައި ތާށިވެފައިވަނީ އުމުރުން ނުވަ އަހަރުގެ ފިރިހެން ކުއްޖެ ކެވެ. އެކުއްޖާ ވަޅަށް ވެއްޓުނު ގޮތް ނޭނގޭއިރު އެއީ ވަރަށް ހަނި ވަޅެއް ކަމަށްވެ އެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ހައިދަރު ނަމަކަށް ކިޔާ އެ ކުއްޖާ ސަލާމަތް ކުރުމަށް ތޯލިބާން ސަރުކާރުން ވަނީ އޮޕަރޭޝަނެއް ފަށާފައި އެވެ.

ތޯލިބާން ސަރުކާރުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މުއްލާ އަބްދުލް ގަނީ ބަރާދަރްގެ ސެކްރެޓަރީ އަބްދުﷲ އައްޒާމް ވިދާޅުވީ ކުއްޖާ ސަލާމަތް ކުރުމަށް ހާއްސަ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ކުއްޖާއަށް ބޭނުންވާ އޮކްސިޖަން އާއި އެނޫން ތަކެތީގެ އިތުރުން އެމްބިއުލާންސެއް އެ ސަރަހައްދުގައި ތައްުޔާރީ ހާލަތުގައިވާ ކަމަށް ވިދާޅުވި އެވެ.

ކުއްޖާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ޓީމާއި އެކު ހައިދަރުގެ ބައްޕަ ދަނީ އޭނާ އާއި ވާހަކަ ދެއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ވަލެއްގައި ޖަހައިގެން ކުޑަ ކެމެރާއެއް ވަޅުތެރެއަށް ފޮނުވައިގެން ދެބަފައިން ވާހަކަ ދައްކާފައިވާ ކަމަށްވެ އެވެ.

އެ ވާހަކަ ދެއްކުމުގައި ބައްޕަ ވަނީ ނުރޮއެ ހައިދަރު ހިތްވަރުގަ ކުރުމަށް އެދިފަ އެވެ. އަދި އޭނާ ސަލާމަތް ކުރުމަށް ހުރިހާ އެންމެން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ދީފައިވެ އެވެ. މީގެ އިތުރުން އެއްޗެއް ބުނުމަށް ބައްޕަ އެދުމުން ހައިދަރު ބުނެފައިވަނީ އޭނާ ރަނގަޅު ކަމާއި ނުރޮއެ ވާހަކަ ދައްކަމުންދާނެ ކަމަށެވެ.

އަފްގާންގައި ކުއްޖަކު ވަޅެއްގައި ތާށިވެފައި މިވަނީ މޮރޮކޯގައި ފަސް އަހަރުގެ ކުއްޖަކު ވަޅެއްގައި ތާށިވިތާ ފަސް ދުވަސް ފަހުން ސަލާމަތް ކުރި ދުވަހު މަރުވެފައި ވަނިކޮށެވެ. އެ ހާދިސާއަށް އަދި ދެ ހަފްތާ ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް