އެންމެ ފަހުން އާކިން ހިތުގައި ގޮވުމަށް އިޖާބަ ދީ ރޫބީގެ އަތުގައި ހިފައިލިއެވެ. ކުޑަކޮށް ސިހިފައި ރޫބީ އޭނާގެ އަތްތިލައަށް ބަލައިލިއެވެ. ހިތުގެ ތެޅުން އަވަސްވާހެން ހީވާން ފެށުމުން އޭނާ ފުންނޭވައެއް ދޫކޮށްލިއެވެ. ވަކި ހިސާބަކާ އަރާ ހަމަވިތަނުން ސައިކަލުތަކެއްގެ މަތީގައި ތިބި ފިރިހެނުން ތަކެއް އާކިންގެ ލޮލުގައި އަޅައިގަތެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަ މާދުރަށް އިވެމުން ދިޔައެވެ. ދައްކަމުން ދިޔަ ވާހަކައިގެ ޒާތުން އެއީ ރަނގަޅު ބައެއް ނޫންކަން އާކިންއަށް އެނގުނެވެ. ރޫބީ ހުރީ އެމީހުންނާ ވީ ފަރާތުގައި ކަމުން އާކިން ރޫބީގެ އަތުގައި ހިފައި އަނެއްފަރާތަށް ގެންދިޔައެވެ. އެއަށްފަހު އާކިން ދެން ކޮށްލި ކަމަކުން ރޫބީއަށް ހީވީ ހަށީގަނޑުގައި ކަރަންޓުގެ އޮއެވަރެއް ހިނގައިލިހެންނެވެ. ރޫބީގެ އުނަގަނޑުގައި އަތްއަޅުވައިލުމަށްފަހު ގަޔާ ކައިރިކޮށްލި އާކިންގެ ތުންފަތްމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. ރޫބީއަށް ވެގެން ދިޔަގޮތް ލޮލުގެ ކަނަކުން އާކިންއަށް ފެނުނީމައެވެ. އާކިންގެ ފޯނަށް އަސަދު ގުޅީ ދެމަފިރިން އެކުގައި އައިސް ގެއަށް ވަންތަނުންނެވެ. ފޯނު ނެގުމުގެ ކުރިން ރޫބީގެ ކަންފަތް ދޮށުގައި އާކިން ސިއްރުން އެއްޗެކޭ ބުނެލިއެވެ. އެހިނދު ރޫބީގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. މޫނަށް ވެރިވި ރަތްކަމާއި އެކު ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އާކިންވެސް ލާނެތް ގޮތަކަށް ހީނލުމަށްފަހު ފޯނު ކަންފަތުގައި ޖަހައިލަމުން އެއްފަރާތަށް ޖެހިލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ކޮޓަރިއަށް ދިއުމަށް ރޫބީ ހިނގައިގަތެވެ.
***********************
ބަތްތަށި ތެރެއަށް އަތްލައިގެން އިނަސް ނަޖުވާ އިނީ ކާހިތް ނުވެފައެވެ. އަދިވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ނަދީމާގެ ހިޔާލުތަކެވެ. އަސްރާރްގެ ވާހަކަ ނަދީމާ އެހީއްސުރެން ނަޖުވާގެ ހިތް ބުނަމުން ދަނީ އެއީ އޭނާގެ މަންމަ ކަމުގައެވެ. ނަދީމާއަށް ނަޖުވާ ފުރަތަމަ ދުވަހު ކަންތައްވީ ގޮތާއި އޭނާ ނަޖުވާއަށް ބަލާގޮތް އެކަމުގެ ހެއްކަކަށް ފުދެއެވެ. އަނެއްކޮޅުން ފުރަތަމަ ނަދީމާ ފެނުނު ދުވަހުން ފެށިގެން އޭނާއާ ވާހަކަ ދެއްކުމަށް ނަޖުވާގެ ހިތް އެދި ގޮވަމުން ދިޔައީ އޭގެ ފަހަތުގައިވެސް ކޮންމެވެސް ސަބަބެއްވާތީއޭ ނަޖުވާގެ ހިތް ބުނެއެވެ. ހިޔާލީ ފުންކަނޑަށް ގެއްލިފައި އިން ނަޖުވާއަށް ސިހުން ގެނުވީ ސައިފް ދެފަހަރަކު ގޮވައިލުމުންނެވެ.
" ކިހިނެއްވެފަތަ ތިއިންނަނީ.. އަދިވެސް އެކަމާ މެދުގަތަ ތިވިސްނަނީ..؟ " ކާން އިން ސައިފް އަހައިލިއެވެ.
" އާނ އެކަމާ ވިސްނެނީ.. އެއީ ކާކުކަން ޔަގީން ނުވަނީސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ލިބޭނެހެނެއް ހިޔެއްނުވޭ..." ނަޖުވާ ބުނެލިއެވެ.
" ދެން ކޮންގޮތެއް ނަޖޫ ބޭނުންވަނީ.. އެގެއަށް ދެވިދާނެ.. އެކަމަކު އެމީހާގެ ފިރިމިހާ ނޫޅޭ ގަޑިއެއް ބަލާފަ ދާންޖެހޭނީ..." ސައިފް ބުންޏެވެ.
" ލެޓްސް ޓޭކް ދަ ރިސްކް.." ނަޖުވާ ބުނެލިއެވެ.
" ހްމްމްމް ދެން އެމިހާ ބައްދަލުކުރަން ދާނީ.. އެކަމަކު ތިބަތްކޮޅު ކައިބަލަ.. ނުކަންޏާ ނަޖޫ ބަލިވެދާނެ.. އަހަރެން ބޭނުމެއްނޫން ނަޖޫ ބަލިވާކަށް.." ސައިފް ބުނެލިއެވެ. އެހިނދު ނަޖުވާ ސައިފަށް ބަލައިލީ މާނަފުން ބެލުމަކުންނެވެ. ބުނެވުނު އެއްޗެއް ސައިފަށް ރޭކާލީ ދެނެވެ. އެއްޗެއް ބުނެވުނުކަމަށްވެސް ނުހަދާ ކަރުކެހިލުމަށްފަހު ސައިފް ކެއުމައިގެން ކުރިއަށް ދިޔައެވެ. ނަޖުވާވެސް ހީނލުމަށްފަހު ކާންފެށިއެވެ.
*********************
ލޯގަނޑު ކުރިމަތިގައި އިން ރޫބީ އިރުކޮޅަކާ އެނދުގައި އޮތް އާކިންއަށް ބަލައިލައެވެ. ދެފައިގައި ލޯޝަން ހާކަމުން ދިޔައިރު ރޫބީގެ ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ. އެގޮތުން ބަލާލެވުނު އެއްފަހަރު އެއީ އާކިން ވެސް ރޫބީއަށް ބަލައިލި ވަގުތެވެ. ހިނދުކޮޅަކަށް ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބެވެ. އާކިން ހީލިއެވެ. އެ ހީލުން ރޫބީއަށް ހިތްހަމަޖެހުން ގެނެސްދިނެވެ.
ހަރަކާތްތަކުގައި ލަސްކަމެއް ހުއްޓަސް ރެއަކީ ދެމަފިރިންނަށްވެސް ވަރަށް ހާއްސަ ރެއެއްކަން ރޫބީގެ ހަނދާނުގައި ހުއްޓެވެ. އާކިން އެގޮތުގައި އިންތިޒާރުގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާތީ ރޫބީ މަޑުމަޑުން ގޮނޑިން ތެދުވިއެވެ. ރޫބީ އަންނަ ދިމާލަށް ބަލަން އޮވެފައި ކައިރިވުމާއެކު އާކިން އަތް ދިއްކޮށްލިއެވެ. އެ އަތްތިލައިގެ ތެރޭގައި ރޫބީ އަތްލައްވާލިއެވެ. އާކިން ކައިރީގައި ރޫބީ އިށީނެވެ. ދެން ލަސްލަހުން އާކިންގެ ދެލޮލަށް ބަލައިލިއެވެ. އެހިނދު އާކިންގެ ދެލޮލުން ފެނު އަސަރުތަކުން ރޫބީގެ ހިތުގެ ވިންދު އަވަސްވެލިއެވެ.
"އެހާ ނާވަސްނުވެބަލަ" އިސްއޮބައިލި ރޫބީގެ މޫނުގެ ދެފަރާތުގައި ހިފައި އުފުލާލަމުން އާކިން ބުންޏެވެ. ލަސްލަހުން އެސްފިޔަތައް އުފުލާލުމަށްފަހު އާކިންގެ މޫނަށް ރޫބީ ބަލައިލިއެވެ. އެހިނދު އާކިން ރޫބީގެ ނިތުގައި ބޮސްދިނެވެ. ކުޑަކޮށް ފޭވިފައި ހުރި ރޫބީގެ ތުނިތުނި ތުންފަތަށް އާކިންގެ ނަޒަރު ހުއްޓުނެވެ. ހިނދަކަށްފަހު ހިނދެއް ދެމަފިރިން އެކަކު އަނެކަކާ ގާތްވަމުން ދިޔައެވެ.
ލޯތްބާ އޯގާތެރިކަން އާކިންގެ ކޮންމެ އަމަލެއްގައި އެކުލެވިގެން ވިއެވެ. ދެމަފިރިންގެ ހަޔާތުގައި މުޅިން އާ ކުލައެއް ޖެހިގެން ހިނގައްޖެއެވެ. އެކަކު އަނެކަކުގެ މައްޗަށް އޮތް ހައްގު އަދާކޮށްދިނުމުގައި މިފަހަރު އެކަކުވެސް ފަހަތަށް ނުޖެހެއެވެ. ކޮންމެ ހާލެއްގައި ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް އަޒުމް ކަނޑައަޅަމުން ލޯބީގެ ފޮނި ހަދިޔާ ބަދަލުކުރިއެވެ.
************************
ކޮފީ ހުސްކުރި ޖޯޑު ހިފައިގެން ހިނގައިގަތް އަމްރާ ބަލައިލީ ޒިވަން ކޮށްލި ކަމަކުންނެވެ. އަމްރާގެ އަތުގައި ހިފެހެއްޓީ އެހާ ހިނދުކޮޅަކަސްވެސް ޒިވަންގެ ލޯމަތިން އަމްރާ ދުރަށް ފޮނުވާލަން ބޭނުން ނުވުމުންނެވެ.
"މި އަންނަނީ މި ބަހައްޓާފަ" އަތުގައި އޮތް ޖޯޑު ދައްކާލަމުން އަމްރާ ބުންޏެވެ.
ދެޒުވާނުން ވާހަކަދައްކަން ތިބީ ޒިވަންގެ އެޕާޓްމަންޓްގައެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެކެވެ. ދެ ޒުވާނުން ކޮފީ ބޯން ތިބީ ހަތްވަނަ ބުރީގެ ތަނަވަސް ބެލްކަނީގައި ހުރި ދެމީހުންގެ ޖާގައިގެ އުނދޯލީގައެވެ.
"ކީއްތިކުރީ" އަތުގައި ހިފައި ދަމައިގަތުމާއެކު އަމްރާ ވެއްޓުނީ ޒިވަންގެ އުނގަށެވެ.
"ކީއްމިކުރީ. އަމްރާ ބުނެބަލަ ނިކަން" އެއް އަތުން އަމްރާގެ މޫނުގައި އިނގިލިތައް ބީއްސާލަމުން ޒިވަން ބުންޏެވެ. ބަހެއްނުކިޔާ އަމްރާ ދުރަށް ބަލައިލުމުން ޒިވަން ކައިރިއަށް ހިނިއައެވެ. އިތުރަށް އަމްރާ ލަދުގަންނުވާލަން ބޭނުންނުވާތީ ޒިވަން އަމްރާގެ ވާއަތުގެ އަތްތިލައިގެ ތެރެއަށް ޒިވަންގެ އަތް މަހާލިއެވެ. ގަޔާ ކައިރިއަށް އަތް ގެނެސްފައި އަމްރާގެ އަތްތިލައިގައި ޒިވަން ބޮސްދިނެވެ. ޒިވަންގެ ކޮންމެ ހަރަކާތެއްގައި ވަނީ ލޯތްބެވެ.
"ސީރިޔަސްކޮށް. މިރޭ ނެތް ފޮނުވާލާހިތެއް" ޒިވަން ބުންޏެވެ.
"އެކަމަކު ދާންޖެހޭނެ" އަމްރާ ބުންޏެވެ.
"އެހެންވީމަ އޭ މިހެން ބައްދާލައިގެން ގިނައިރު އިންނަން ބޭނުންވަނީ" އަމްރާގެ ގައިގައި ދެއަތް ވަށައިލަމުން ޒިވަން ބުންޏެވެ. އެހިނދު އަމްރާގެ ހީލުމުގެ އަޑު އިވިލިއެވެ.
**************
ދެލޯ ހުޅުވައިލުމާއެކު އެންމެ ފުރަތަމަވެސް ރޫބީ ބަލައިލީ ކައިރީގައި އޮތް އާކިންއަށެވެ. އެހިނދު ރޭގައި ކަން ހިނގައިދިޔަގޮތް ހަނދާންވެ ރޫބީގެ މޫނުމައްޗަށް ލަދުރަކި ކަމެއް ވެރިއެވެ. ނިދިފައި އޮތް އާކިންގެ މޫނުގައި ރޫބީ ފިރުމައިލިއެވެ. ހަޤީޤީ ލޯތްބަކީ ކޮބައިކަން ރޫބީއަށް އިހުސާސްމިވީ އަދި ކިރިޔާއެވެ. ފިރިމީހާގެ ލޯތްބާއި އޯގާތެރިކަން ލިބުނީތީ ރޫބީ ހިތާހިތުން ހެއްދެވި ފަރާތަށް ޙަމްދުކުރިއެވެ. އުއްމީދަކީ ކުރިއަށް އޮތްތަނުގައި ފިރިމީހާއަށް ދޭން ޖެހޭ ލޯތްބާއި އަޅައިލުން ދިނުމާއެކު ފިރިމީހާއަށް ވަފާތެރިކަން މަތީގައި ހުރުމެވެ. ކުޑަކޮށް ބޯހިއްލައިލުމަށްފަހު ރޫބީ އާކިންގެ ކޮލުގައި ބޮސްދިނެވެ. އެހިނދު އާކިން ތުންފަތް ދެފަރާތަށް ދެމިލި ތަން ފެނި އޭނާ އޮތީ ހޭލައިކަން ރޫބީއަށް އެނގުނެވެ. ގަތް ލަދާއެކު އަވަހަށް އެނދުން ތެދުވެގެން ދާން އުޅުނު ހިނދު އާކިން ރޫބީ އޭނާގެ ދެއަތުގެ ތެރޭގައި ހައްޔަރު ކޮށްލިއެވެ.
" ފަތިސް ނަމާދަށް ބަންގި ގޮވައިފި... " ރޫބީ ބުނެލިއެވެ. އާކިން ވަކި އެއްޗެއް ނުބުނެ ރޫބީގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޮތެވެ.
" ޔޫ ލުކް ބިއުޓިފުލް.... " އާކިން ބުނެލިއެވެ. ރޫބީއަށް ހެވުނެވެ. ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.
" ދެން ޕްލީޒް ދޫކޮށްލަބަލަ.. ފަތިސް ނަމާދު ވަގުތު ފާއިތު ވެދާނެ... " ރޫބީ ބުނެލިއެވެ.
" އޯކޭ.. އެކަމަކު ދޫކޮށްލާ ހިތަކުން ނޫން މި ދޫކޮށްލަނީ.. " ރޫބީ ގައިން ދޫކޮށްލަމުން އާކިން ބުންޏެވެ. ހިނިތުންވެލުމަށްފަހު ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ރޫބީ ވަނެވެ.
*************************
ރޭގަނޑަށް ރަނގަޅު ކާއެއްޗެއް ހެދުމުގައި އަމްރާ ބަދިގޭގައި އުޅުނެވެ. އަތް ގާތްކޮށްދޭން އުޅުނު ރޫބީ ބަލައިލީ ބަދިގޭ ދޮރުމައްޗަށް އެރި އާކިން ފެނިފައެވެ. ހިނިތުންވެލާފައި ކުރަން ހުރި މަސައްކަތަށް ރޫބީ އެނބުރުނެވެ.
"މިއަދު މޮޅު އެއްޗެއް ހަދަނީތަ؟" ފުރިޖުން ފިނި ފެންފުޅިއެއް ހިފައިގެން ގޮސް މޭޒު ކައިރީގައި އިށީންނަމުން އާކިން ބުންޏެވެ.
"ދޮންތަ މާ މޮޅު ނޫޑްލްސްގަނޑެއް ތައްޔާރުކޮށލަނީ އޯ" ރޫބީ ބުންޏެވެ.
އެވަގުތަކީ އަރީކާއެކު ޒޫނީ އައިސް ބަދިގޭ ދޮރަށް އެރި ވަގުތެވެ.
"މިތިބަ އައީނު" އަމްރާ ބުންޏެވެ. އާކިންއާއި ރޫބީ އެކުގައި ދޮރާ ދިމާލަށް ބަލައިލިއެވެ.
"އޭރުވެސް ހީވިއޭ ކޮޓަރީގަ ނެތުމުން ތަނަކަށް ދިޔައީ އޭ" ރޫބީ ބުންޏެވެ.
"ކޮންތާކުން ތިއައީ؟" އަމްރާ އެހިއެވެ. ފަރިތަކަމާއެކު ފިޔާ ކޮށަން ތައްޔާރުވަމުން ދިޔަ އަމްރާ ބުންޏެވެ. އަރީކާއި ޒޫނީ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެ ސިއްރުން ވާހަކަތަކެއް ދެއްކިތަން އަމްރާއަށް ފެނުނެވެ.
"ކޮންހާ ސިއްރު ވާހަކައެއް" އަމްރާ ބުންޏެވެ. އަރީކާއި ޒޫނީ ސިހިފައި އަމްރާއަށް ބަލާލިއެވެ.
"ނޭނގެ، ޒޫނީ ދެން ދޮންތަމެންނަށް ކޮންހާ ސިއްރެއްތަ ތި ފޮރުވަނީ" އެތެރެއަށް ވަދެ އިކާން އިން ގޮނޑި އާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން އަރީކް ބުންޏެވެ.
"އަނެއްކާ ކިހިނެއްވީ؟" އަމްރާ ކައިރީގައި އައިސް ހުއްޓުނު ރޫބީ އެހިއެވެ.
"ކިހިނެއްވެފަ ތިހުންނަނީ ތިތާ. އާދެބަލަ މިތަނަށް" ތަންކޮޅެއް ދުރުގައި ހުރި ޒޫނީއަށް އަމްރާ ބުންޏެވެ. އެހެން ދުވަސްތަކާ ޒޫނީ ތަފާތޭ އަމްރާގެ ހިތް ބުނެލިއެވެ.
"ޒޫނީ ވިހަންވީ އޯ" ތަން ހަމަހިމޭންވެފައި ވަނިކޮށް އަރީކް ބުންޏެެވެ. އަރީކް ބުނި އެއްޗެއް މާބޮޑަށް ފަހުމްނުވުމުން އަމްރާ އަޅާނުލާ ހިނިތުންވުމަކުން ފުއްދާލިއެވެ.
"ވިހަންވީއޭ. އެހެން ހުރެފަ ވިހޭތަ؟" ރޫބީ ބުންޏެވެ.
"ބޮޑޭ ދޯ ޒޫނީ" އަރީކް ބުންޏެވެ. އެހިނދު އަމްރާ ޒޫނީއަށް ބަލާލިއެވެ. އަމްރާގެ ދެލޯ ވިދައިގަތްތަނން ޒޫނީއަށް ފެނުނެވެ. ފިޔާތަށި ތެރެއަށް ވަޅިލާފައި ތަށި މޭޒު މަތީގައި ބަހައްޓާފައި އަމްރާ ޒޫނީ ކައިރިއަށް ޖެހިލިއެވެ.
"އެއީ ތެދެއްތަ؟" އަމްރާ އެހިއެވެ. ރަކި ހިނިތުންވުމަކާއެކު ޒޫނީ ބޯޖަހާލިއެވެ. އަމްރާ ނަށައިނުގަނެވުނީ ކިރިޔާއެވެ. އުފަލުން ޒޫނީގެ ގައިގައި އަމްރާ ބައްދާލިއެވެ.
"ކޮންގްރަޓްސް ދެކުދިން" ރޫބީ ބުންޏެވެ.
"ކޮންގްރަޓްސް ބްރޯ. ޕާޓީ އޮންނާނެ ދޯ" ކައިރީގައި އިން އަރީކްގެ ގެ ގައިގައި ބައްދާލަމުން އާކިން ބުންޏެވެ.
****************
ހުރިހާ މީހުންނަށް ވުރެ ފަހަތުގައި ރަކިވެފައި ހުރި ޒޫނީގެ އަތުގައި ހިފައިގެން ގެނެސް ބޮޑު ކޭކް ބަހައްޓާފައި ހުރި މޭޒު ކައިރީގައި އަރީކް ބެހެއްޓިއެވެ. އެތަނުގައި ތިބީ ޒޫނީއާއި އަރީކްގެ އިތުރުން އަމްރާއާއި ރޫބީ އަދި އާކިންއެވެ.
"ދެން ކޮންމެހެން މާ ލަދުގަންނަ މީހަކަށް ވެގެން ހުންނާނެ ކަމެއްނެތް. އުޅޭ ކޭކު ފަޅަން" އަރީކް ޒޫނީ އާ ދިމާކޮށްލިއެވެ. އަރީކަށް ދެލޯ އަޅާލުމަށްފަހު އަމްރާ ދިއްކޮށްލައިގެން ހުރި ވަޅީގައި ޒޫނީ ހިފިއެވެ.
ޒޫނީ އިނީ ފުރަތަމަ ބަލިވެކަން އިނގުމުން ހުރިހާ ކުދިންގެ ފަރާތުން ޒޫނީގެ އެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ކުޑަކުޑަ ގެޓްޓުގެދާއެއް ބޭއްވިއެވެ. މޭޒުމަތީގައި އެކި ވައްތަރުގެ ޕިއްޒާތަކާ ބުއިންތައް ހުއްޓެވެ. ޗޮކްލެޓްކޭކު އެޅީ އަމްރާއެވެ.
"ދެން ހުރީ ރޫބީ" އަމްރާ ބުންޏެވެ. އެހިނދު ރޫބީގެ ތުންފަތްމަތިން ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ. އެމަންޒަރު އާކިންއަށް ފެނުމުން ހީލިއެވެ.
މަޖަލާއި ސަކަރާތުގައި ތިބެފައި އަމްރާ އެއްޗެއް ބަލައި ބަދިގެއަށް ދާންވެގެން ތެދުވި ވަގުތު ދޮރަށް އެރި ބައެއް ފެނިފައި އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަމްރާއަށްވީ ގޮތް ފެނި ދެން ތިބިމީހުންވެސް ދޮރާ ދިމާލަށް ބަލައިލިއެވެ.
-ނުނިމޭ- ވާހަކައިގެ އާބައެއް، އިންޝާﷲ، 20 ފެބްރުއަރީ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް