ދައުލަތުގައި ބެލުމުގައި ތިބި ކުދިން ބޭތިއްބުމަށް ފުވައްމުލައް ސިޓީގައި ޤާއިމްކޮށްފައިވާ އަމާން ވެއްޓަކީ ނަމޫނާ ތަނެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގެ އެކި އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުން ވެސް އެތަނުގައި ތިބި ކުދިން ބަލައިގެންފައިވާ ކަމަށެވެ. އަދި އަމާން ވެށީގެ ކުދިންނަށް ވެސް އެހެން ކުދިންނެކޭ އެއްގޮތަށް އަމާން މާހައުލެއްގައި އުޅެވެން ޖެހޭނެކަން އެންމެހާ ރައްޔިތުން ވެސް ޤަބޫލުކުރައްވަންޖެހޭ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ އެފަދަ މާހައުލެއް މިއަދު ފުވައްމުލަކުން ފެންނަމުންދާކަމީ އުފާކުރައްވާ ކަމެއްކަން ފާހަގަ ކުރައްވާ މުޖުތަމަޢުގެ ތެރޭގައި ކަންކަން ހިނގާގޮތް އެކުދިންނަށް ދައްކާ އެކުދިން ވެސް އެކަންކަމުގައި ބައިވެރިކޮށްގެން ޢާއިލާތަކުން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން ދިނުމަށް އެދިވަޑައުގެންފައެވެ.
" ލާމަރުކަޒު ކުރެވިގެން މިއަދު ކަންކަން ރޭވިގެންދާއިރު، އިޖްތިމާޢީ ބަދަހި މަދަދުވެރިން ނުވަތަ "އިބަމަ" އަކީ، މުޖުތަޢުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހިނގުމުގެ ކުރިން އެކަމެއްވިޔަ ނުދިނުމަށް އަދި ކަމެއް ދިމާވުމުން، އެކަމަކާއި ގުޅިގެން މަސައްކަތް ކުރުމަށް، ކޮންމެ މުޖުތަމަޢުއަކަށްވެސް ވަރަށް ބޭނުންތެރި ޕްލެޓްފޯމެއް." މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން އަޅާލާ އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ރަށުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން "އިބަމަ"ގެ ތެރެއިން މަސައްކަތްކޮށްދެއްވުމަށް، ފުވައްމުލަކުގެ ހުރިހާ އިދާރާތަކަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
މިބައްދުލުވުމުގައި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްޒެޓެންޓިވް، މަރުޖާން މޮންތާޒަމީ ބައިވެރިވެވަޑައިގެން ވިދާޅުވީ ޔުނިސެފުން "އިބަމަ"ގެ މަސައްކަތަށް ފަންނީ އަދި މާލީ އެހޭތެރިކަން ފޯރުކޮށްދެމުންދަނީ ވަރަށް ގިނަ ސަބަބުތަކާއި ހެދި ކަމަށެވެ. އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށް އެއްވެސް ނޭދެވޭ ކަމެއް ދިމާވުމުން ނުވަތަ އެފަދަކަމެއް ވިޔަނުދިނުމަށް، ހައްލު ހޯދަދެވޭނެ ފަދަ ފަރާތަކަށް "އިބަމަ" ވެގެންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި "އިބަމަ" އާއި ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ޔުނިސެފްގެ އިބަމަ ކޮންސަލްޓެންޓް ފާތިމަތު ޝެހެޒިނީ ވަނީ ދެއްވާފައެވެ. މިބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ހުރިހާ ދާއިރާއަކުން ކަމުވޮށިގެންވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް