ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ވިއްކާ60 ގޯތި ބީލަމުގެ އުސޫލުން ކާމިޔާބު ކުރި ފަރާތްތަކުން ބިން އިހުތިޔާރު ކުރުމުގެ ބައްދަލުވުން އަންނަ ހަފްތާގައި ބާއްވަން ހައުސިން ޑިވެލޮޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ މީގެ ތެރެއިން ބީޗް ފްރޮންޓުން ބިންގަތުމަށް ބީލަން ކާމިޔާބު ކުރި ފަރާތްތަކަށް ބިން އިހްތިޔާރު ކުރުން އޮންނާނީ މިމަހުގެ21 ވަނަ ދުވަހު ކަމަށެވެ. އަދި ބީޗް ސައިޑު ގޯތިތަކުގެ ބީލަން ކާމިޔާބު ކުރި ފަރާތްތަކަށް ބިން އިހްތިޔާރު ކުރުން އޮންނާނީ މިމަހުގެ23 ވަނަ ދުވަހު ކަމަށެވެ.
ބިން އިހްތިޔާރު ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަކުގެ ތަރުތީބުންނެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަން ކާމިޔާބު ކުރި ފަރާތުގެ އިތުރުން އޭނާ ކަނޑައަޅާ އެކަކަށެވެ.
އެޗްޑީސީން ބުނީ އެ ދެމީހުން ކުރެ މީހަކު ހާޒިރު ނުވެއްޖެ ނަމަ ބީލަން ބާތިލްކޮށް ބިޑް ސެކިއުރިޓީ އެ ކޯޕަރޭޝަނަށް ނަގާނެ ކަމަށެވެ. މީގެ އިތުރުން އެ ބިން ގަތުމުގެ ފުރުސަތު ވެއިޓިން ލިސްޓުގައި ތިބި ފަރާތަށް ދޭނެ ކަމަށް ބުނެ އެވެ.
ބީޗް ފްރޮންޓަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި މިހާރު ހުށަހަޅާފައި އޮތީ އަކަފޫޓަކަށް 10،220 ރުފިޔާ އެވެ. ބީޗް ސައިޑަށް އެންމެ ބޮޑު އަގެއް ހުށަހެޅީ އަކަފޫޓަކަށް 9،700 ރުފިޔާ އެވެ
ބީޗް ފްރޮންޓުން ދޫކުރުމަށް ހަމަޖެހިފައިވަނީ26 ގޯއްޗެވެ. ބީޗް ސައިޑުން ދޫކުރުމަށް ހަމަޖެހިފައިވަނީ34 ބިމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް