ބޮލީވުޑްގައި ދޭތެރެ ދޭތެރެއިން ބަތަލާ ކަންގަނާ ރަނާވަތު ދައްކާ ވާހަކަ އަކީ ބޮޑު ސަމާލުކަމެއް ހުއްޓޭ ވާހަކަތަކެވެ.
އާންމުކޮށް އޭނާ އަކީ މަޝްހޫރު ފަރާތްތަކަށް ވަރަށް ފާޅުގައި ފާޑުކިޔާ މީހެކެވެ. ބޮލީވުޑްގައި އެންމެ ގިނައިން އޭނާގެ ފާޑުކިޔުން އަމާޒުވާ މީހަކު ޑައިރެކްޓަރު ކަރަން ޖޯހަރެވެ.
ކަންގަނާ އާއި ދާއިރާ އާއި ގުޅޭ ސުވާލެއް ކޮށްފި ނަމަ ކަރަންއަށް ޖެއްސުން ކުރުމުގެ ގޮތުން އެއްޗެސް ބުނެ ނުލާ ނިންމާނުލާއިރު މިފަހަރުވެސް މިވަނީ އެފަދަ އެއްޗެއް ބުނެފަ އެވެ. ކަންގަނާގެ ކުރިޔަށް އޮތް ރިއަލިޓީ ޝޯ "ލޮކް އަޕް" އާއި ގުޅޭގޮތުން ޓީވީ ޝޯއަކަށް ވާހަކަ ދައްކަން އެރުމުން ޕްރެޒެންޓަރު ވަނީ އޭނާގެ ބޮލީވުޑް ދަތުރާއި ގުޅޭގޮތުން އެއްޗެއް ބުނުމަށް އެދިފަ އެވެ.
އެއަށް ޖަވާބު ދެމުން ކަންގަނާ ބުނީ އޭނާއަކީ އެންމެ ކުޑައިރުންސުރެ ބިރު ގަންނަ މީހެއް ނޫން ކަމަށާއި ގެއިން ފިލައިގެން ޅަ އުމުރުގައި ނުކުމެގެން ދިޔަ ކަމަށާއި އޭނާ އަކީ ދުވަހަކުވެސް ބައްޕަ ބުނި ބަސް އެހި މީހެއް ނޫން ކަމަށެވެ.
އެހެން ކަމުން އޭނާ ބޮލީވުޑްގައި އުޅޭ "ބިގް ޑެޑީސް" އެއްޗެއް ބުންޏޭ ކިޔާފަ ދުވަހަކުވެސް އަޑު ނާހާނެ ކަމަށާއި އެމީހުން ބުނާ ގޮތަށް އަމަލުވެސް ނުކުރާނެ ކަމަށެވެ. އޭނާ ބުނީ އެހެން ބުނަނީ ލިބުނު ކާމިޔާބުގައި ހިފެހެއްޓުމުގެ މަގުސަދުގައި ނޫން ކަމަށެވެ.
ކަންގަނާ ބުނީ އޭނާ އަކީ ވަކި މީހެއް ބޮލީވުޑަށް ނެރެދީގެން ކުރިއަރަމުން އަންނަ މީހެއް ނޫން ކަމަށާއި ކޮށްފައިވާ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު މިހާރު ހުރި ހިސާބަށް ދާން ބުރަ މަސައްކަތްތަކެއް އަދި އުނދަގޫ ދުވަސްތަކެއް ކަޑަތުކޮށްފައިވާނެ ކަން އެނގޭނެ ކަމަށެވެ.
ކަންގަނާގެ މި ވާހަކަތަކަކީ ކަރަންއަށް އަމާޒު ކުރި ވާހަކަތަކެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ ބޮލީވުޑްގައި ކަންގަނާ ދައްކާ ވާހަކަތަކުގައި ކަރަން ބޭޒާރު ކުރުމުގެ ނިޔަތުގައި އޭނާ ގިނަ ވާހަކަތަކެއް ދައްކާފައި ހުރުމުންނެވެ.
މީގެ ކުރިން ކަންގަނާ ބުނެފައިވާ ގޮތުގައި އަމިއްލަ މަސައްކަތުން ބޮލީވުޑްގައި މީހަކަށް ކުރިޔަށް ނުދެވެނީ ކަރަން އާއި ހެދި ކަމަށެވެ. އަދި ކުރީގެ މަޝްހޫރު ތަރިންގެ ދަރިން އޭނާގެ ބޮޑެތި ފިލްމުތަކުން ބޮލީވުޑަށް ނެރެ ކަރަން މުޅި ބޮލީވުޑް ހަރާބުކޮށްފައިވާ ކަމަށް ކަންގަނާ ބުނެފައިވެ އެވެ.
މި މައްސަލައިގަ ކަރަން ވަނީ އޭނާގެ އެއްވެސް ފިލްމެއް ކަންގަނާއަށް ނުދޭނެ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް