ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން ހައްދުމްމަތީ މާމެންދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.
މިއީ ލ. އަތޮޅަށް ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އެ ބޭންކުން ތަޢާރަފްކުރި އޭޓީއެމް ސެންޓަރެކެވެ.
މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ.
މި އޭޓީއެމް ސެންޓަރގެ ހިދުމަތާއެކު މިވަގުތު ލ. އަތޮޅު ފޮނަދޫ އަދި ގަމުގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް މިހާރު ދަނީ ދެމުންނެވެ. އަދި މާވަށުގައި ވެސް ސެލްފް ސަރިވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ ސްޓްރެޓަޖީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ބޭންކިންގޚިދުމަތް ފޯރުކޮށްދިނުމަށް އައެ ބޭންކުން އިންވެސްޓް ކުރަމުންދާނެ ކަމަށެވެ.
" މާމެންދޫގައި މި ހުޅުވުނު އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ." ޓިމް ސޯޔަރ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 78 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 136 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް