ރިސޯޓު ހަދަން ސަރުކާރުން ބީލަމަށްލާފައިވާ 21 ރަށް ހިމެނޭ ލިސްޓުން ށ. ކޮމަންޑޫ ކައިރީގައިވާ ތިން ރަށް އުނިކޮށްފިއެވެ.
އުނިކުރި ތިން ރަށަކީ ށ. ދިގުރަށާއި، ށ. މައިރަށާއި އަދި ށ. މެދުރަށެވެ. އެ ތިން ރަށް ލިސްޓަށް ކުއްލި ގޮތަކަށް އިތުރުކުރީ ނިމިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ފޯރިގަދަ ބައި އިލެކްޝަނާ ދިމާކޮށެވެ. މި ރަށްތައް އެ ލިސްޓުން އުނި ކޮށްފައި މިވަނީ އިންތިހާބަކަށްފަހު އެ ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކާމިޔާބުކޮށްފައި ވަނިކޮށެވެ.
އެގޮތުން މި ލިސްޓުން ތިން ރަށް އުނިކޮށްފައި މިވަނީ އެ ރަށްތައް ކުއްޔަށް ދޫކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އާދިއްތަ ދުވަހު އަމުރެއް ކޮށްފައި ވަނިކޮށެވެ. އެ އަމުރު ނެރުނީ ޕްރިމިއާ އިކުއިޓީ ކިޔާ ކުންފުންޏަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ޕްރިމިއާ އިކުއިޓީގެ ދައުވާގައި ހާމަކޮށްފައިވާ ގޮތުން ށ. ދިގުރަށާއި، ށ. މައިރަށާއި އަދި ށ. މެދުރަށަކީ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ސަރުކާރުން އެ ކުންފުންޏަށް ދިނުމަށް ނިންމާފައިވާ ތިން ރަށް ކަމުގަވެ. މިގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި މެދު ގޮތެއް ނުނިމެނީސް އެރަށްތައް އެހެން ބަޔަކަށް ކުއްޔަށް ދިނުން ހުއްޓުވައިދިނުމަށް އެ އަމުރުގައި އެދިފައި ވެއެވެ.
އެހެންކަމުން ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކޯޓުގައި އޮތް މައްސަލައިގައި ގޮތެއް ނުނިމެނީސް ތިން ރަށް އެހެން ބަޔަކަށް ކުއްޔަށް ދީފިނަމަ ޕްރިމިއާ އިކުއިޓީއަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމުގައެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަމުރު ނެރެފައިވަނީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ރަށްތައް އެހެން ބަޔަކަށް ކުއްޔަށް ނުދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް