ޗެމްޕިއަންސް ލީގު ގަދަ 16: ލިވަޕޫލް އިންޓައަތުން މޮޅުވިއިރު، ބަޔާން ސަލްޒްބާގް މެޗު ވީ އެއްވަރު

މިހާރު ފެށިގެން ކުރިޔަށްދާ ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ވަނަ ބުރުގައި ރޭ ބައްދަލުކުރީ އިޓަލީގެ އިންޓަ މިލާނާއި އިނގިރޭސި ކުލަބު ލިވަޕޫލެވެ. އިންޓަގެ ދަނޑުގައި މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގ...

17 Feb 2022 | 04:47

މިހާރު ފެށިގެން ކުރިޔަށްދާ ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ވަނަ ބުރުގައި ރޭ ބައްދަލުކުރީ އިޓަލީގެ އިންޓަ މިލާނާއި އިނގިރޭސި ކުލަބު ލިވަޕޫލެވެ. އިންޓަގެ ދަނޑުގައި މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މި މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ލިވަޕޫލުންނެވެ.

ރޭގެ މެޗު ފެށިގެން ދެޓީމުންވެސް ފޯރިގަދަ ކުޅުމެއް ކުޅެމުން ދިޔައިރު، މި ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތުތައް ލިބިފައިވަނީ އިންޓަ މިލާނަށެވެ. އެގޮތުން އިންޓަގެ މިޑްފީލްޑަރު ހަކަން ޗަނޮނޮގްލޫ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސްދަނޑީގައި ޖެހިފަ ނިކުތްއިރު، އޭގެ ފަހުން އޭރިއާ ރޮނގުކައިރިން ލަޓާރޯ މާޓީނޭޒް ފޮނުވާލި ހަމަލާއެއް ވެސް ދިޔައީ ދަނޑިކައިރިން ގޯލާއި ކުޑަ ތަންކޮޅެއް ބޭރުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް އިންޓަގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފަ ނުވި ނަމަވެސް ފަހު ހާފަށް ކުޅެން ނިކުމެ ގެނައި ބަދަލުތަކާއި އެކު އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ވިއެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ މެޗުގެ 75 ވަނަ މިނިޓްގައި ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓޯ ފިރްމީނޯ ޖަހައިދިން ލަނޑެކެވެ. ފިރްމީނޯ މި ލަނޑު ޖެހީ އެންޑީ ރޮބަޓްސަން ނެގި ކޯނަރަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ 83 ވަނަ މިނިޓްގައި ލިވަޕޫލުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކުރިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހުއެވެ.

ރޭގެ މޮޅާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލާއި ގާތަށް ލިވަޕޫލް ޖެހިލިއިރު، މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މާޗު މަހުގެ ނުވަ ވަނަ ދުވަހު ލިވަޕޫލުގެ ދަނޑުގައެވެ.

ރޭގައި މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ އިތުރު މެޗެއް ވެސް ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ބަޔާން މިޔުނިކް އާއި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އެވެ.

ރޭ ސަލްޒްބާގްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވިއިރު، މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ސަލްޒްބާގުންނެވެ. މެޗުގެ 21 ވަނަ މިނިޓެޓުގައި އެޓީމުން ލީޑު ނެގި މި ލަނޑު ޖަހައިދިނީ ޗުކްވުބުއީކޭ އަޑާމޫ އެވެ. ބަޔާންއިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 87 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މާޗު މަހުގެ ނުވަ ވަނަ ދުވަހު ބަޔާންގެ ދަނޑުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް