ހެރިޓޭޖް އޮގަނައިޒޭޝަނުން ކޮންމެ އަހަރަކު ނެރެމުން އަންނަ އިކޮނޮމިކް ފްރީޑަމް އިންޑެކްސް (އިގްތިސާދީ މިނިވަންކަމުގެ އިންޑެކްސް)ގައި ރާއްޖޭގެ ސްކޯ ބޮޑުތަނުން ދަށަށް ގޮސްފިއެވެ.
އެގޮތުން އެ އިންޑެކްސްގައި ރާއްޖޭގެ ސްކޯ ވަނީ 47.3 އަށް ވެއްޓިފައެވެ. މިއީ މިދިޔަ އަހަރުގެ ސްކޯ ކަމުގައިވާ 55.2 އާއި އަޅާ ބަލާއިރު 7.9ގެ ދަށްވުމެކެވެ.
އެ އިންޑެކްސްގައި ބުނެފައިވާގޮތުގައި 2019 އިން ފެށިގެން 2021 އާއި ހަމައަށް އިގްތިސާދީ ހާލަތު ރަނގަޅުވަމުން ގޮސްފައިވެއެވެ.
އިންޑްކްސް ސްކޯއަށް ބަލާއިރުވެސް ފެންނަނީ 2017 އިން ފެށިގެން 2020 އާއި ހަމައަށް ރަނގަޅުވަމުން ގޮސްފައިވާ މަންޒަރެވެ. ނަމަވެސް 2021 ގައި ކުޑަ ވެއްޓުމެއް އައުމަށްފަހު 2022 ފެށުނު އިރު މި ސްކޯ މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މި އިންޑެކްސް އަކީ އަހަރުގެ ކުރީކޮޅު ނެރޭ އިންޑެކްސްއެއް ކަމުގައިވާއިރު މި އިންޑެކްސްގެ ޑާޓާ ބިނާވާނީ އަބަދުވެސް ނިމިދިޔަ އަހަރަށެވެ.
ހެރިޓޭޖް އޮގަނައިޒޭޝަންގެ މި އިންޑެކްސްގައި ރާއްޖެ ހިމަނަން ފަށާފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު ރާއްޖޭގެ ސްކޯއަކީ 51.3 އެކެވެ. އެއަށްފަހު އެންމެ ދަށަށް ގޮސްފައިވަނީ 2011 ވަނަ އަހަރުގައިކަން ފާހަގަކޮށްލެވެއެވެެ. 2011 ވަނަ އަހަރު މި ސްކޯއަކީ 48.3 ކަމުގައިވާއިރު 2022ގައި މި ލިބުނު ސްކޯއަކީ ފާއިތުވި 14 އަހަރުގެ ތެރޭގައި ރާއްޖެއަށް މި އިންޑެކްސްގައި ލިބުނު އެންމެ ދަށް ސްކޯކަން ފާހަގަކޮށްލެވެއެވެ.
މި ސްކޯ ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ގައުމުގެ ފިސްކަލް ހެލްތު ދަށްވުމާއި ވިޔަފާރި ކުރުމަށް އޮންނަ މިނިވަންކަން ކުޑަވުން ކަމަށެވެ. މީގެ އިތުންވެސް ބައެއް އިތުރު އިންޑިކޭޝަންތަކަށްވެސް މި ރިޕޯޓްގައި ވަކި ވަކިން އަލި އަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ކޮރަޕްޝަން ވަރަށް ބޮަޑަށް ފެތުރިފައި އޮންނަ އޮތުމާއި ގާނޫނުތައް ތަންފީޒު ކުރުމުގައި މާބޮޑު މަސައްކަތްތަކެއް ނުކުރެވޭކަން ފާހަގަކޮށްފައިވުމާއި ފައިނޭންޝަލް ސެކްޓަރ ހަމައެކަނި ބޭންކުތަކުން ޑޮމިނޭޓް ކޮށްފައިއޮތުން ފާހަގަކޮށްފައިވެއެވެ.
މި އިންޑެކްސްގައި މުޅި ދުނިޔޭގެ ރޭންކިންގައި އެއްވަނައިގާ އޮތީ ސިންގަޕޫރެވެ. ދެވަނަައިގާ ސްވިޒަލެންޑް އޮތް އިރު ތިންވަނައިގ އޮތީ އަޔަރލޭންޑެވެ.
އޭސިޔާ ސަރަހައްދަށް ބަލާއިރު އެއްވަނައިގާ އޮތީ ފިލިޕިންސެވެ. ދެވަނައިގާ މައިކްރޯނޭޝިޔާ އޮތް އިރު ތިންވަނައިގާ އޮތީ ޓޮންގާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް