ނުރައްކާތެރި ހަތިޔާރުކަމަށް ބެލެވޭ އެއްޗެއް ލ. ގަމުން ފެނުމާއެކު އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަން ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއެކު، އިންޓެލިޖެންސާއި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މިދެންނެވި ހަތިޔާރު ފެނިފައިވަނީ ލ. ގަމު ވަލުތެރޭގައި ފޮރުވާފައި އޮއްވާ ކަމަށެވެ.
2015 ފެބުރުއަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހަތިޔާރުކަމަށް ބެލެވޭ އެއްޗެއް ފެނުމާއެކު އެހަތިޔާރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، މިމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާކަމަށާއި މިއާއެކު ފުލުހުންގެ އިންޓެލިޖެންސާއި، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި، ފޮރެންސިކް ފުލުހުންނާއި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މިމައްސަލަ ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ދުވަސް ނޫހާ މައުލޫމާތު ހިއްސާ ކުރި ފަރާތަކުން ބުނީ އަމިއްލައަށް ހަދާފައިވާ ބަޑި ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އެ ބަޑިއަކީ ދަގަނޑު ހޮޅި ބޭނުންކޮށްގެން ހަދާފައިވާ ބަޑިއެއް ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ލ. އަތޮޅުން ފެނިފައިވަނީ އަމިއްލައަށް އުފައްދާފައިވާކަމަށް ބެލެވޭ ބަޑިއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް