މިސްކިތެއްކަމަށް ބެލެވޭ ތަނެއްގައި ގޭމެއް ކުޅުނުކަމަށް ބުނާ މައްސަލަ އިސްލާމިކް މިނިސްޓްރީއިން ބަލަން ފަށައިފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަވަނީ ސަމާލުކަމަށް އައިސްފައި ކަމަށާއި މިއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފައި ކަމަށެވެ.
"މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނަން. އިންޝާ ﷲ" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަނީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި ބޮލުގައި ތަށި ބަހައްޓައިގެން ކުޅޭ ކޮންމެވެސް ގޭމެއް ކުޅޭ މަންޒަރެވެ.
އެ ވީޑިއޯތަކަށް ކޮމެންޓްކުރި ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި އެއީ ވިލުފުށީގައި ހުންނަ މަސްޖިދުލް ޢުމަރު ފާރޫޤު މިސްކިތުގެ މަތީ ބުރީގައި ހިންގާފައިވާ ހަރަކާތެކެވެ. އެ މިސްކިތުގެ އެބައި ހާއްސަކޮށްފައިވަނީ ކޮންފަރެންސް ހޯލާއި އޮފީހުގެ ގޮތުގައިވެސް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.
މިކަމުގައި އެ ރަށު ކައުންސިލުގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް