ޚުޠުބާގައި ރިޝްވަތާއި ބާޠިލުގޮތުގައި މުދާ ކެއުމުގެ ވާހަކަ: މަސައްކަތު ގަޑީގައި ވަގުތު ބޭކާރު ކުރުމަކީވެސް ބާޠިލުގޮތުގައި މުދާކެއުންކަން ފާހަގަކޮށްފައިވޭ

ރިޝްވަތުގެ ވާހަކައާއި ބާޠިލު ގޮތުގައި މުދާ ކެއުމުގެ ނުބައިކަމުގެ މައްޗަށް ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފިއެވެ. މިއަދު ރާއްޖޭގެ މިސްކިތްތަކުން އިވިގެންދިޔަ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ބާޠިލުގޮތުގައި...

17 Jan 2025 | 07:49

ރިޝްވަތުގެ ވާހަކައާއި ބާޠިލު ގޮތުގައި މުދާ ކެއުމުގެ ނުބައިކަމުގެ މައްޗަށް ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުން އިވިގެންދިޔަ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ބާޠިލުގޮތުގައި މުދާ ކެއުން" މި މަޢުލޫއެވެ.

ޚުޠުބާ ފަށާފައިވަނީ މުދަލަކީ اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުންނަށް ދެއްވާ ބޮޑު ނިޢުމަތެއްކަމާއި އެއީ އެކަލާނގެ އަޅުތަކުން އިމްތިޙާނުކުރެއްވުމަށް ޓަކައި ލައްވައިފައިވާ ސަބަބެއް ކަންވެސް ހަނދުމަކޮށްދެމުންނެވެ.

"މުދަލަކީ ދެ މިޔަލީ ކަނޑިއެކެވެ. އެއީ ބިނާކުރުމަށާއި ފަނާކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. އިންސާނާ ޙަލާލު ގޮތުގައި މުދާ ހޯދައިފި ނަމަ އަދި ޙަލާލު ގޮތުގައި ވުނަކޮށްފިނަމަ، އަދި ޙަލާލު ގޮތުގައި ހޭދަކޮށްފި ނަމަ، އެއީ އޭނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ އެއްޗެކެވެ." ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މުދަލަކީ އިންސާނާގެ ޙަޔާތުގައި މުހިންމު އެއްޗަކަށްވާއިރު، އެއާ މެދު ނުހަނު ބޮޑަށް ރައްކާތެރިވާން ޖެހޭނެ ކަމާއި ނޫން ނަމަ ހެޔޮ މަގުން ކަސިޔާރުވެދާނެކަމާއި މިހެންވެ މުދަލުގެ ފިތުނައިން ރައްކައުތެރިވުމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވިކަން ޚުޠުބާގައި ހަނދުމަކޮށްދީފައިވެއެވެ.

ޚުޠުބާގައި ބުނެފައިވަނީ އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވައިފައިވާކަމަށެވެ. މިހެންވެ އެހެން މީހުންގެ މުދަލަށް އަރައިގަތުން ވަނީ ޙަރާމްކުރައްވައިފައިވާކަމަށެވެ. މުދަލަށް ޚިޔާނަތްތެރިވުމާއި، މުދާ ފޭރުމާއި، މުދަލުން ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތުނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ މި ދީން މަނާކުރާ ކަންތައްތައް ކަމަށާއި ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި ޢާންމު ފަރުދުންގެ މުދަލުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ޙަރާމް ކަމެއްކަމަށެވެ.

"ބާޠިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުން ވެއެވެ. މިއީ ޙަރާމް ކަމެކެވެ. މިއީ އަމާނާތަށް ޚިޔާނަތްތެރިވުމެކެވެ. މިއީ މަކަރާއި ޙީލަތެކެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ބާޠިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުން ވެއެވެ.  ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ އަޅާގެ އީމާންކަން ފުރިހަމަކަމުގެ ޢަލާމާތެކެވެ. މިފަދަ މީހަކު ނަމަ އޮފީހަށް ގޮސް އެ ތާނގެ މަސައްކަތާ ނުގުޅޭ ކަންކަމުގައި އޭނާ މަޝްޣޫލުވެއެއްނޫޅޭނެއެވެ. އޭނާގެ މަސައްކަތަށް ﷲ ބައްލަވައިވޮޑިގަންނަވާކަން ދަންނަ މީހާ، އޭނާ މަސައްކަތްކުރޭތޯ ވެރިމީހާ ބެލިޔަސް ނުބެލިޔަސް ބަރާބަރަށް އޭނާ މަސައްކަތްކުރާނެއެވެ.

ދައުލަތުގެ މުދަލަށް ޚިޔާނަތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުން ވާކަން ޚުޠުބާގައި ބުނެފައިވަނީ ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއް ކަމަށާއި އެއީ ކަންކަން ފާސިދުކުރާ ވަބާއެއް ކަމަށެވެ. އެއީ ޙައްޤު ބާޠިލަށް ހަދައި، އަދި ބާޠިލު ޙައްޤުކަމަށް ފުރޮޅައިލާ އާލަތެއް ކަމަށާއި ރިޝްވަތަކީ ވަރަށް ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް އެ ވާނީ ރިޝްވަތަށްކަން ފާހަގަކޮށް ޚުޠުބާގައި ހަނދުމަކޮށްދީފައިވަނީ ދުނިޔެމަތީގައި އެކަމުގެ ޢުޤޫބާތުން ސަލާމަތްވި ނަމަވެސް އާޚިރަތުގެ ޢުޤޫބާތުން އެމީހާ ސަލާމަތެއްނުވާނެކަން ކަށަވަރުކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް