ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުން: އިސްރާއީލު އަދިވެސް ގޮތް ދޫނުކުރުމާއި ބޮޑާ ހޭކުމުގައި

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލަތައް ނިމުމަކަށް ގެނައުމަށް ބުދަ ދުވަހު އިސްރާއީލާއި ހަމާސްއިން ވަނީ އެއްބަސްވެފ...

17 Jan 2025 | 01:16

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލަތައް ނިމުމަކަށް ގެނައުމަށް ބުދަ ދުވަހު އިސްރާއީލާއި ހަމާސްއިން ވަނީ އެއްބަސްވެފައެވެ. ދެ ފަރާތުންވެސް އެކަން ވަނީ އެ މަޝްވަރާ ލީޑުކުރާ ޤައުމުތަކަށް އަންގާފައެވެ. މަޝްވަރާ ލީޑުކުރާ ޤަތަރުގެ ބޮޑުވަޒީރު ވަނީ އެކަން އިޢުލާނުވެސްކޮށްފައެވެ.

އެ އެއްބަސްވުމަށް އަމަލުކުރަން ފެށުން އޮތީ އާދީއްތަ ދުވަހުގައެވެ. ވަގުތު މިހާ ގާތްވެފައިވާއިރުވެސް އިސްރާއީލު ފަޅިން ފެންނަނީ ގޮތް ދޫނުކުރުމާއި ބޮޑާ ހޭކުމުގައި އުޅޭ މަންޒަރެވެ.

އެއް ކަމަކީ ހަމަލަތައް ހުއްޓާލުމާމެދު އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން އިއްޔެ ބާއްވަން އުޅުނު ވޯޓު ނެގުން ފަސްކުރުމެވެ. އެކަމަށް ސީދާ ދެކޮޅު ހެދީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއެވެ. ދެވަނަ ކަމަކީ އޭނާއާއި އޭނާގެ ވާގިވެރި އެ ގައުމުގެ ވެރިން ދެމުން އަންނަ އިންޒާރުތަކެވެ. ކަނާތު ފިޔައިގެ ސެކިއުރިޓީ މިނިސްޓަރާއި ނަތަންޔާހޫ ކޯލީޝަންގެ ފިނޭން މިނިސްޓަރު އިއްޔެ ބުނެފައިވަނީ ހަމަލަތައް ހުއްޓާލައި އިސްރާއީލު ސިފައިން ފައިބަން އެއްބަސްވެއްޖެނަމަ މަގާމުގައި ދެމި ނުތިބޭނެކަމަށެވެ.

އެ ވޯޓު މިއަދު ނެގުމަށް ތާވަލުކޮށްފައިވާއިރު އިސްރާއީލަށް އެންމެ ވާގިވެރިވާ އެމެރިކާއިން ތަކުރާރުކޮށް ބުނަމުން އަންނަނީ އިސްރާއީލުގެ ހުރީ ކުދި ކުދި ހިތްހަމަނުޖެހުންތައް ކަމަށާއި އެ ހިތްހަމަނުޖެހުންތަކަށްވެސް ނިމުން ގެނެވި ހަމަލަ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތާވަލާ އެއްގޮތަށް ދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

ކޮންމެއަކަސް އެ ވޯޓެއް މިއަދު ނެގުމަށް ތާވަލުކޮށްފައިވާއިރު މީޑިއާ ރިޕޯޓްތައް ބުނަނީ ނަތަންޔާހޫއާއި އޭނާގެ ވާގިވެރިން ބޮޑާހޭކުމެއްގައި ތިބި ނަމަވެސް ސެކިއުރިޓީ ކެބިނެޓުގައި އެ ވޯޓެއް ނަގައިފިނަމަ އެ ވޯޓެއް އޮތީ ފާސްވާގޮތަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް