ފޮސްޓަރ އާއިލާތަކަށް 5000 ރުފިޔާގެ އެލެވެންސެއް ދެނީ

ފޮސްޓަރ އާއިލާތަކަށް ކޮންމެ މަހަކު ވެސް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފިއެވެ. ކޮންމެ ކުއްޖަކީވެސް ޢާއިލާއެއްގެ ތެރޭގައި ހެދ...

17 Jan 2024 | 13:00

ފޮސްޓަރ އާއިލާތަކަށް ކޮންމެ މަހަކު ވެސް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފިއެވެ.

ކޮންމެ ކުއްޖަކީވެސް ޢާއިލާއެއްގެ ތެރޭގައި ހެދިބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމުގެ ގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ތިބި ކުދިންގެ ފޮސްޓަރ މައިންބަފައިންގެ ގޮތުގައި ވަގުތީގޮތުން ވުމަށް އާއިލާތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީން ހުޅުވާލާފައިވަނީ އާދިއްތަ ދުވަހުއެވެ.

މިނިސްޓްރީން ބުނީ ދަރިން ތަރުބިއްޔަތު ކުރަން ބޭނުންވާ އާއިލާތަކަށް ކުދިން ހަވާލުކުރާނީ އާއިލާތަކުގެ އެސެސްމަންޓް ހެދުމަށްފަހު އެ އާއިލާތަކަށް ތަމްރީނު ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ފަހު ކަމަށެވެ.

މިނިސްޓްރީން ބުނީ ދަރިން ތަރުބިއްޔަތުކުރާ އާއިލާތަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ސަރުކާރުން ދޭނެ ކަމަށާއި އެހެންކަމުން އެ ކުދިންގެ މާލީ ބޭނުންތައް އާއިލާތަކަށް ކަށަވަރު ކުރެވޭނެ ކަމަށެވެ.

ވަގުތީ ގޮތުން ފޮސްޓަރ ކުރުމަށް ބަލަހައްޓާނެ ފަރާތާއި ކުއްޖަކު ހަވާލުކުރާނެ އެންމެ ކުރު މުއްދަތަކީ 2 އަހަރު ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އާއިލާތަކަށް އެ އިންތިޒާމް އިތުރުކުރުމުގެ ނުވަތަ ދާއިމީ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި 18 އަހަރުން ދަށުގެ 169 ކުދިން އެބަތިއްބެވެ.

އެ މިނިސްޓްރީން ވަނީ ވަގުތީ ފޮސްޓަރިންނާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެ މިނިސްޓްރީގެ ނަންބަރު 1433 އާއި ގުޅުއްވުމަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް