ސްޓެލްކޯގެ ފިއުލް ޕަމްޕް ސްޓޭޝަން ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގަށް ބައެއް ވާގޮތަށް ބެހެއްޓިފައިހުރި ސްޓެލްކޯ ފިއުލް ޕަމްޕް ސްޓޭޝަން އެތަނުން ނަގައި ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ސްޓެލްކޯއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮ...

17 Jan 2024 | 11:03

ބޮޑުތަކުރުފާނު މަގަށް ބައެއް ވާގޮތަށް ބެހެއްޓިފައިހުރި ސްޓެލްކޯ ފިއުލް ޕަމްޕް ސްޓޭޝަން އެތަނުން ނަގައި ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ސްޓެލްކޯއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ސްޓެލްކޯއިން ބުނީ ފިއުލް ޕަމްޕް ސްޓޭޝަން ބަދަލުކުރުމަށް ނިންމާފައިވަނީ ވަރަށް ގިނަ ރައްޔިތުން އެކަން ކޮށްދިނުމަށް އެދިފައިވާތީ އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، މިހާރު ހުރި ހާބަރ ބޭސިން ތަޅާލުމާއި، 29 މީޓަރުގެ އެއްގަމުތޮށި ލުމާއި، 103 އަކަމީޓަރުގެ ސަރަހައްދެއްގެ ބެކްފިލިންގ ކުރުމާއި، 50.44 އަކަ މީޓަރުގެ ޕޭވިންގ މަސައްކަތާއި، 2 މޫރިންގ ބޮލާޑްސް ހަރުކުރުމާއި، އައު ޕަމްޕް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. 7.14 މިލިއަން ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 90 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫޢާ ގުޅޭ ގޮތުން ސްޓެލްކޯގެ އެމްޑީ، ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އުނދަގުލަކަށް ނުވަތަ ތަކުލީފަކަށް ވާގޮތަށް ހުރި ސްޓެލްކޯއާއި ގުޅުންހުރި ހުރިހާ ކަމެއް މި މަސައްކަތާއެކު ހައްލު ކުރެވިގެންދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް