ކުނިގޮނޑުން ފެނުނު ކުއްޖާގެ މައްސަލައިގައި ކުއްޖާގެ މަންމައަށް ދައުވާކޮށްފި

އދ.ދިގުރަށުގައި ކުއްޖަކު ވިހެއުމަށްފަހު ކުނިގޮނޑަށް އެއްލާލި މައްސަލައިގައި އެ ކުއްޖާގެ މަންމަގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް އިއްޔެ ފޮނުވައިފިއެވެ. މި މ...

17 Jan 2024 | 09:08

އދ.ދިގުރަށުގައި ކުއްޖަކު ވިހެއުމަށްފަހު ކުނިގޮނޑަށް އެއްލާލި މައްސަލައިގައި އެ ކުއްޖާގެ މަންމަގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް އިއްޔެ ފޮނުވައިފިއެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ ސްރީލަންކާގެ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް އަށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، އެނގި ހުރެ މީހަކު މެރުމުގެ ދައުވާއާއި، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާއެވެ. އެ ތިން ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 13 އަހަރާއި 28 އަހަރާއި ދެމެދުގެ ހުކުމެއް އަންނާނެއެވެ.

ދިގުރަށު ކުނިގޮނޑަށް ކޮތަޅަކަށް ލާފައި ކުއްޖާ އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ. ކުއްޖާ ފެނުނުއިރުވެސް އޮތީ މަރުވެފައި ކަމަށް ދިގުރަށު ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ކުއްޖާގެ މަންމަ ހައްޔަރުކޮށްފައިވަނީ ލަންކާއަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓައެވެ.

ޕީޖީ އޮފީހުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ހިރަންޏާ ބަލިވެ އިންކަން ސިއްރުކޮށްގެން އުޅުމަށްފަހު ކުއްޖާ ވިހާފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ 10 އާއި 3 ޑިސެމްބަރު ވަނަ ދުވަހުގެ ހެނދުނު 5 އާއި ދެމެދުގެ ވަގުތެއްގައި ދިގުރަށު ކޮޓަރިއެއްގައި ހުރި ފާހަނަތަށި ތެރެއަށް ކަމަށެވެ.

އެ އަންހެން މީހާ ބަލިވެ އިނީއްސުރެ ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު އަމަލުކޮށް، ކުއްޖާ މަރާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިންޑިޔާއަށް ފޮނުވައިގެން ދިވެހި ފުލުހުން ވަނީ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް