ނިމިދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުން ހއ.ދިއްދޫގައި އިމާރާތްކުރަން ފަށާފައިވާ ހއ.ދިއްދޫ އައު އިންޖީނުގެއާއި އައިސްޕްލާންޓްގެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ދެންނެވުމަށްޓަކައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު އެދިވަޑައިގެންފިއެވެ.
މެމްބަރު ވަހީދު މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ ހއ.ދިއްދޫ އިންޖީނުގެއާއި އައިސް ޕްލާންޓްގެ މަސައްކަތަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިސްއަކާއި ނުލައި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. އަދި އޭގެ ސަބަބުން މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ބޮޑު ނުތަނަވަސްކަމެއް ލިބި، އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން ދާއިރާގައި އިންތިހާއަށް ބޮޑުވެފައިވާކަމަށް ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ އެ މަސައްކަތްތަކަކީ ނުނިމޭ މަސައްކަތްތަކަށް ވާއިރު، އެ މުވައްޒަފުންނަށް ނޯޓިސް ނުދީ ކުއްލި ގޮތަކަށް ވަޒީފާތަކުން ވަކިކުރުމަކީ އެ މަސައްކަތްތައް ވެސް ހުއްޓި އަދި މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ބޮޑު ގެއްލުންތަކަކާއި ނިކަމެތިކަމެއް މެދުވެރިވެގެން ދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެކަން ކުށްވެރިކުރައްވާ، ވަހީދު ވަނީ އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި، ދިއްދޫ އައިސް ޕްލާންޓްގެ މަސައްކަތް އަވަހަށް ނިންމަން ބާރު އެޅުމަށާއި، އެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ދެންނެވުމަށްޓަކައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވައިދެއްވުމަށް އެދި ހުށަހަޅާފައެވެ.
ދިއްދޫގެ އިތުރުން ކުމުންދޫ އިން ވެސް ވަނީ 7 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.
ފެނަކައިން ބުނެފައިވަނީ މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރުމަށް ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށެވެ.
މިކަމާ ގުޅިގެން ދިއްދޫގައި އެ މުވައްޒަފުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް