ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް/ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ ޕްރައިމަރީ ޖަނަވަރީ 27 އަށް ފަސްކޮށްފިއެވެ.
ޕީއެންސީން ބުނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ 27 ޖަނަވަރީ 2024 ވާ ހޮނިހިރު ދުވަހަށް ފަސްކޮށް، ވޯޓު ލެވޭ މީހުންގެ ލިސްޓު އާއްމުކޮށްފައިވާ ކަމަށެވެ.
ވޯޓު ލެވޭ މީހުންގެ ލިސްޓް ޕީއެންސީގެ ވެބްސައިޓުގައި ވަނީ އާއްމުކޮށްފައެވެ. ވޯޓު ލެވޭ މީހުންގެ ލިސްޓާ މެދު ޝަކުވާ ހުށަހެޅުމަށް 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6 އާ ހަމައަށް ހުޅުވާލާފައިވާކަމަށް ޕީއެންސީން ބުނެއެވެ.
މިއީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޕްރައިމަރީ ފަސްކުރި ދެވަނަ ފަހަރެވެ. ޕްރައިމަރީ ބާއްވަން ފުރަތަމަ ކަނޑައެޅި ތާރީހަކީ މިދިޔަ ޑިސެމްބަރު މަހުގެ 23 އެވެ. ނަމަވެސް ފަހުން ޖަނަވަރީ 20 ވަނަ ދުވަހަށް ތާރީހު ފަސްކޮށް، އަދި އެފަހުން މި މަހުގެ 27 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ.
މިފަހަރު ޕްރައިމަރީ ލަސްވި ސަބަބެއް އެ ކޯލިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް