ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި ވިލިނގިލީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 50 ރޯހައުސްގެ ބިންގާ އަޅައިދެއްވީ ނޭޝަނަން ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ރައްޔިތުން މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ވިލިނގިލި ކައުންސިލް މެމްބަރުންނެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ވިލިނގިލީގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ބެލްކަނި، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ވިލިނގިލީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ރޯހައުސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަސް ތެރޭގައި ނިންމާގޮތަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މިއީ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން 48.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢު އެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް