ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް މާލެ ސިޓީއަށް ފޯރުކޮށްދިނުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ އަދި ހުޅުމާލެ އާއި އެއްފަސްގަނޑަކުން މިވަގުތު ގުޅިފައި ނެތް ވިލިމާލެއަށް ދިނުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން މިއަދު ބުނީ ވިލިމާލޭގައި އެ ކުންފުނިން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ބަހުގެ ޚިދުމަތުގައި ބޭނުންކުރާނީ ތިމާވަށްޓާއި ރައްޓެހި 6 އިލެކްޓްރޮނިކް ވެހިކަލް އީވީ ބަސް ކަމަށެވެ.
މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެ ކަމަށާއި މީގެ އިތުރުން 4 މީހުނަށް ކޮޅަށް ތިބެވޭނެ ޖާގަވެސް އޮންނާނެ ކަމަށް އެ ކުންފުނިން ހާމާކުރެއެވެ.
މިގޮތުން ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި އީވީ ބަސްތަކުގައި ހުންނާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ ބަހުގެ ޚިދުމަތް ވިލިމާލެއަށް ފުޅާކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތަށް އެ ކުންފުނިން އަންނަނީ ކުރަމުން ކަމަށާއި އުންމީދަކީ މިހިނގާ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުންކަމުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ އާރް.ޓީ.އެލް ވިލިމާލެ ބަހުގެ ޚިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތު އެ ކުންފުނިން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށެވެ.
އަދި ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް