ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓައި އެއްވެސް ބާވަތެއްގެ މަސްތުވާތަކެއްޗެއް ނުގެއްލޭ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމް ސާވިސްގެ ބެލުމުގެ ދަށުން އެއްވެސް މަސްތުވާތަކެއްޗެއް ގެއްލިފައިނުވާ ކަމަށް އެ މުއައްސަސާއިން މިއަދު ބުނެފިއެވެ. ކަސްޓަމްސް އިން މިހެން  ބުނެފައި ވަނީ މި މަހުގެ އަށްވަނަ ދުވަހު ރާއް...

17 Jan 2023 | 14:44

މޯލްޑިވްސް ކަސްޓަމް ސާވިސްގެ ބެލުމުގެ ދަށުން އެއްވެސް މަސްތުވާތަކެއްޗެއް ގެއްލިފައިނުވާ ކަމަށް އެ މުއައްސަސާއިން މިއަދު ބުނެފިއެވެ.

ކަސްޓަމްސް އިން މިހެން  ބުނެފައި ވަނީ މި މަހުގެ އަށްވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން އޭނާ ފުލުހުންނާއި ހަވާލުކުރި ކަމަށާއި ނަމަވެސް އޭނާގެ ލަގެޖު ކަސްޓަމްސްއިން ހަވާލު ނުކުރާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައި ވާތީއެވެ.

އެގޮތުން މިކަމާ ގުޅިގެން ކަސްޓަމްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މުއައްސަސާއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ކަސްޓަމްސްގެ ސާވެލައިންސް ނިޒާމުގެ ތެރެއިން ޝައްކު ކުރެވިގެން ބަލައި ފާސްކޮށް، އަތުލައިގަންނަ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމަށްފަހު، މަސްތުވާތަކެއްޗާއި އެކަމުގައި ޝާމިލުވާ ޕަސެންޖަރު ވަގުތުން ފުލުހުންނާ ހަވާލުކުރާ ކަމަށެވެ.

އަދި މިހާތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލިފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ކަސްޓަމްސްއިން ވަނީ އަރުވާފައެވެ.

ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ކޮންމެ ދުވަހަކު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރާ ކަމަށާއި ނަމަވެސް ބަލައި ފާސްކުރާ ކޮންމެ ފަހަރަކު މަސްތުވާތަކެތި ނުވަތަ އެނޫންވެސް މަނާ އެއްޗެއް ނުފެންނާނެ ކަމަށާއި މިދިޔަ އަހަރަކީ ކަސްޓަމްސްއިން އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަތް އަހަރު ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމަށް ޤާނޫނު މެދުވެރިކޮށް ކަސްޓަމްސްއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭފަދަ ގޮތަކަށް މަސައްކަތް ކުރުން ބަލައިނުގަންނާނެ ކަމަށެވެ.

އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކަސްޓަމުން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށްވެސް އެ މުއައްސަސާއިން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް