ހުޅުމާލެއިން ހެވީ ވެހިކަލް ޕެއިޑް ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން ދޫކުރަނީ

މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި އެޗްޑީސީ ގުޅިގެން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލެއިން ހެވީ ވެހިކަލް ޕެއިޑް ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން...

17 Jan 2023 | 14:20

މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި އެޗްޑީސީ ގުޅިގެން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލެއިން ހެވީ ވެހިކަލް ޕެއިޑް ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމަށް ހަމަޖެހިއްޖެއެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ހެވީ ވެހިކަލް ޕާކިންގ ޒޯނުން މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކު ކުރާނެ ޖުމުލަ 19 ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިއުލާނުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން، ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ޕާކިންގ ޒޯނަކީ ހުޅުމާލެ އެމްޕީއެލް ސަރަހައްދު ކައިރީގައި އޮންނަ ހެވީ ވެހިކަލް ޕާކިންގ ޒޯނު ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ ކުއްޔަށް ދޫކުރެވޭ ޕާކިންގ ޖާގަތަކުގެ ތެރޭގައި ހިމެނެނީ 40 ފޫޓު ޓްރެއިލާގެ 3 ޖާގައާއި، 20 ފޫޓު ޓްރެއިލަރގެ 2 ޖާގައާއި، ޑަމްޕްޓްރަކް ނުވަތަ ލޮރީފަދަ އުޅަދުތަކަށް ހާއްސަ ކުރެވިފައިވާ 10 ޖާގައާއި، އަދި ކްރޭން ޕާކު ކުރުމަށް ކަނޑައެޅިފައިވާ 4 ޖާގަ ކަމަށެވެ.

އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މި ޕާކިންގ ޖާގަތަކުގެ ބީލަން ފެށޭ އަގަކީ  އަކަފޫޓަކަށް މަހަކު 12.01ރ. ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ ޖާގަތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އަދި މި ޖާގަތަކަށް ކުއްޔަށް ދޫކުރެވެނީ ހަމައެކަނި މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކިންގ ބޭނުމަށް ކަމަށާއި މި ޖާގަތަކުގައި ޕާކު ކުރެވޭނީ ހަމައެކަނި %100 ދިވެހި ވިޔަފާރިއެއްގެ ނަމުގައި، މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކުރެވިފައިވާ، ހުޅުމާލޭގެ ސިނާއީ މަސައްކަތުގައި ބޭނުންކުރާ ބަރު އުޅަނދަށް އެކަނި ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

ޕާކިންގގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން، މިދިޔަ އަހަރުގެ އެޕްރީލް މަހު އެޗްޑީސީން ވަނީ ޕެއިޑް ޕާކިންގ ޒޯންތަކުން ބީލަމުގެ އުސޫލުން 2 ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކް ކުރާނެ ޖާގަ ދޫކޮށްފައެވެ.

އަދި ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި، މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ މާރޗް މަހު ވަނީ ހުޅުމާލެގައި ޕާކިންގ ބިލްޑިންގއެއް ޤާއިމްކުރުމަށް ދަމާސް ކޮމްޕެނީ އާއި ހަވާލުކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް