އިންޑިއާގެ ވިޒިޓިން ޑޮކްޓަރުން ގެނައުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

އިންޑިއާގެ ވިސިޓިން ޑޮކްޓަރުން ރާއްޖެ ގެނައުމާއި ގުޅޭގޮތުން ނައިބު ރައީސާއި ބައްދަލު ކުރައްވައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު މަޝްވަރާ ކުރައްވައިފި އެވެ. މި މަޝްވ...

17 Jan 2023 | 13:54

އިންޑިއާގެ ވިސިޓިން ޑޮކްޓަރުން ރާއްޖެ ގެނައުމާއި ގުޅޭގޮތުން ނައިބު ރައީސާއި ބައްދަލު ކުރައްވައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންދިޔައީ ނައިބު ރައީސްގެ އަރިހަށް ސަފީރު މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައި އެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޑިއާ ސަފީރު ވަނީ ރާއްޖޭގައި ޑްރަގް ޑިޓޮކްސިފިކޭޝަން އަދި ރީހެބިލިޓޭޝަން ސެންޓަރުތައް ޤާއިމްކުރުމާއި ގުޅޭގޮތުންނާއި، އިންޑިއާގެ ވިޒިޓިންގ ޑޮކްޓަރުންނާއި ސައިކޭޓްރިސްޓުން މެދުވެރިކޮށް ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދިނުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޑިއާ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމާއި، ވޮކޭޝަނަލް ޓްރެއިނިންގގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ އިންޑިއާގެ ސްޓާޓް އަޕް އިންކިއުބޭޓަރސް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއަށް ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

ނަިއބު ރައިސާއި އިންޑިއާ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ދެޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް