މާލޭގެ މަގުތަކަށް ކުނިއަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަން ނިންމައިފި އެވެ.
މި ފިޔަވަޅުތައް އަޅަން ފަށާނީ މިމަހުގެ20 ވާ ހުކުރު ދުވަހުން ފެށިގެންނެވެ.
މި ފިފޔަވަޅު އަޅަނީ ލާމަރުކަީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން މާލެ ތެރެ ބެލެހެއްޓުމަށް "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިންގ ސެކިއުރިޓީ ޚިދުމަތް" ނަމުގައި ހާއްސަ އުސޫލެއް ހަދާފައިވެ އެވެ.
މި އުޞޫލު އާންމުކޮށް އަންގާ ޢިއުލާން ކުރެވިފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އުޞޫލު އާންމުކުރިތާ 5 މަސްވެގެން ގޮސްފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަޞޭޙަތްތެރިވެގެން މައްސަލަ ހައްލުކުރެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި ކަމަށް ބުނެ އެވެ.
މީގެ އިތުރުން މިފަދަ ޢަމަލުތައް ތަކުރާރުކުރާނަމަ އުޞޫލުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެވިފައިވެއެވެ. އެހެންނަމަވެސް މިކަމަށް ދާއިމީ ހައްލެއްނައިސް ތަކުރާރުކޮށް މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން އާންމުވެފައިވާ ކަމަށް ބުނެ އެވެ.
27 ޑިސެންބަރު 2022 ވަނަ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓަމުންދަނީ މާލެ ސިޓީ ކައުންސިލުންނެވެ. އެގޮތުން ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުނި އެޅުން މަނާ ސަރަޙައްދުތައް ފާހަގަވާނެހެން ބޯޑުތައް ހަރުކުރި ނަމަވެސް އެސަރަޙައްދުތައް ހިމެނޭހެން މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއަޅާ މިންވަރު އިތުރުވަމުންދާކަން އެ ކައުންސިލުން ފާހަގަ ކުރެ އެވެ.
ކުނި އަޅާ މީހުން ދެނެގަންނަން ނިންމާފައިވަނީ ޕޮލިސް ކޮންސްޓަބިއުލަރީ ފުލުހުންނާއި ގުޅިގެންނެވެ. ކުނިއަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްފަހު ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ކުރުމުން، އެފަރާތަކުން މާލެ ސިޓީ ކައުންސިލުން ހޯދަންޖެހޭ އެއްވެސް ޚިދުމަތެއް ހޯދޭނީ ޖޫރިމަނާ ފައިސާ ކައުންސިލަށް ދެއްކުމުންނެވެ.
މީގެ އިތުރުންވެސް އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގާނަމަ މި އުޞޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ބުންޏެވެ.
ސިޓީ ކައުންސިލުލން ބުނީ މާލެ އަކީ ސާފުތާހިރު އަމާން ސިޓީ އަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން އެއްވެސް ސަރަޙައްދަކަށް ކުނި އަޅަނިކޮށް ފެނިއްޖެނަމަ ނުވަތަ އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގާނަމަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައި ރިޕޯޓް ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް