ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން ޔާމީންގެ ސިޔާސަތުތައް އެނބުރި އަތުވެދާނެ: ރައީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތައް އެނބުރި އަތުވެފާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން...

17 Jan 2023 | 10:27

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތައް އެނބުރި އަތުވެފާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އިހަވަންދޫ ގޮފީގެ މެމްބަރުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެވެ. އެމަނިކުފާނު ވިދާޅުވީ ޔާމީން ގެންގުޅުއްވަނީ ހަގީގަތާ ދުރު ސިޔާސަތުތަކެއް ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ރައީސް ސޯލިހަށްވުރެ ޔާމީން ރަނގަޅު ކަމަށެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އުތުރުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ރަށަކީ މަސްވެރިކަމުގެ ސިނާއަތު ވަރަށް ފުޅާކޮށް ހިންގާ ރަށެއް ކަމަށާއި ނަމަވެސް އިދިކޮޅު ލީޑަރު ޔާމީން ވަޑައިގެން އައިސްޕްލާންޓް ބަހައްޓާ ވާހަކަ ވިދާޅުވެފައިވާ ކަމަށެވެ.

އޭގެން ވެސް އެނގެނީ އިދިކޮޅު ފަރާތްތަކަށް މި ސަރަހައްދު އެނގިވަޑައިނުގަންނަވާ ވަރު ކަމަށާއި މި ރަށުގައި އައިސްޕްލާންޓެއް ބާއްވައިގެން އައިސް ވިއްކަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނާ ވާދަވެރި ކެނޑިޑޭޓު ވާހަކަ ދައްކަވާއިރު ކޯވިޑް-19 ގެ ދަތި އުނދަގޫތައް ރާޢްޖެ އަށް ދިމާވި ކަން ހަނދުމަފުޅު ނެތް ކަމަށާއި ވާހަކަފުޅު ދައްކަވަނީ މިދިޔަ ފަސް އަހަރު ރާއްޖެ އާންމު ހާލަތެއްގައި އޮތް ކަމަށް ދެކިވަޑައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުން ޕްރައިމަރީގައި ގޮތެއް ނިންމަވާއިރު ވިސްނަން ވާނީ މިހާރު ހިންގާ މަޝްރޫއުތައް ކުރިޔަށް ދެވޭނެ ގޮތަކަށް ވޯޓު ދިނުމަށް ކަމަށާއި އަލުން އަނބުރާ މަގުމައްޗަށް ނިކުންނަން ޖެހޭ ގޮތަކަށް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް