އިސްލާމި ޝަރީއާ އާއި އެއްގޮތަށް ގާނޫނު ތަންފީޒު ކުރަމުން އަންނަ އަފްގާނިސްތާނުގެ ފިހާރަތަކުގައި ހެދުން އިޝްތިހާރު ކުރުމަށް ބަހައްޓާފައި ހުންނަ މެނިކުއިންސްތަކަށްވެސް ތޯލިބާނުން ގަވައިދެއް ހަދައިފި އެވެ.
2021 ވަނަ އަހަރުގެ އޯގަސްޓް 15 ވަނަ ދުވަހު އެ ގައުމުގެ ވެރިކަމަށް އެރި ތޯލިބާނުން ދަނީ އިސްލާމް ދީނާއި ފުރޫއަރާ ހުރިހާ ގަވައިދުތަކާއި ގާނޫނުތަކަށް އަމަލު ކުރުން ހުއްޓުވަމުންނެވެ. އެގޮތުން އަންހެނުން ވަޒީފާ އަދާ ކުރުން، ތައުލީމު އުނގެނުން، އެމީހުން މަގުމައްޗަށް ނުކުތުން އަދި ފިރިހެނުން ބޯކޮށުމާއި ތުނބުޅި ބެހެއްޓޭނެ ގޮތުގެ ގަވައިދުތައް ހިމެނެ އެވެ.
އަދި ވައްކަން ކުރާނަމަ އަތް ކެނޑުމާއި ޑްރަގާއި ޒިނޭ ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ އަމަލުތަކަށް މަރުގެ އަދަބު ދިނުން ހިމެނެ އެވެ. އަދި މީހަކު މަރައިފި މީހެއްގެ އަދަބަކީވެސް މަރަށް މަރެވެ.
އިސްލާމް ދީނާއި ގުޅޭ ތަފާތު ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައި ވަނީ ފިހާރަތަކުގައި ހެދުން އިޝްތިހާރު ކުރުމަށް ލައްވާފައި ހުންނަ މެނިކުއިންސްތަކަށް ހާއްސަކޮށް ތޯލިބާން ސަރުކާރުން ގަވައިދެއް ހަދައި އަމަލު ކުރަމުންދާދިއުމެވެ.
ތޯލިބާނުން ވެރިކަމަށް އެރުމާއި އެކު ވަނީ ފިހާރަތަކުގައި ބަހައްޓާފައި ހުރި ހުރިހާ މެނިކުއިންސްއެއް ނަގަން އަންގާފައި އެވެ. އޭގެ ސަބަބުން ވިޔަފާރިވެރިންގެ އާމްދަނީއަށް އަސަރު ކުރަން ފެށުމުން ހައްލެއް ލިބޭތޯ ބަލަން އެމީހުން ތޯލިބާން ސަރުކާރަށް އެކަން ހުށަހެޅި އެވެ.
އެކަމުގައި އުޅުނު ވިޔަފާރިވެރިން ބައިނަލްއަގުވާމީ މީޑިއާގައި ބުނީ ތޯލިބާނުންނާއި މަޝްވަރާ ކުރުމުން ކޮންމެސް ވަރަކަށް ގޮތް ދޫކުރަން ނިންމި ކަމަށެވެ. އެގޮތުން މެނިކުއިންސްގެ ބޯ ކަނޑާލަން ނުވަތަ ބޮލުގައި އެއްޗެސް އަޅުވައި މޫނު ނުފެންނާނެ ގޮތައް ހެދުމަށް ދެ ފަރާތަށް އެއްބަސްވެވުނު ކަމަށެވެ.
އެހެންވެ މިހާރު އަފްގާނިސްތާނުގެ ފިހާރަތަކާއި މޯލްތަކުން ފެންނަނީ ކަޅުކުލައިގެ ފޮތިގަނޑަކުން ބޮލާއި މޫނު ފޮރުވާފައި ހުންނަ މެނިކުއިންސް އެވެ. ފިހާރަތަކުގައި ހުންނަ މެނިކުއިންސްގެ ބޮލުގައި އެއްޗެއް އަޅުވައި ފޮރުވާފައި ހުރިތޯ ބެލުމަކީ ފިހާރަތަކުގެ ވެރިންގެ ޒިންމާއެކެވެ.
ތޯލިބާނުން ބަލާ ފާސް ކުރާ ދުވަހެއްގައި ގަވައިދާ ހިލާފަށް ހުރެއްޖެ ނަމަ ޒިންމާ ނަގަން ޖެހެނީ ވެރިފަރާތެވެ. ކުށެއް ކުރެވިއްޖެ ނަމަ އެމީހުންނަށް ފިޔަވަޅެއް ނާޅާ ދޫކޮށްނުލާނެ ކަމަކީ ވިޔަފާރިވެރިންނަށް ޔަގީންވާ ކަމެކެވެ.
މިމައްސަލައިގަ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި އެ ގައުމުގެ ބައެއް ވިޔަފާރިވެރިން ބުނީ މުސްލިމް އެހެން ގައުމުތަކުގައިވެސް ވިޔަފާރި ޕްރޮމޯޓު ކުރަން މެނިކުއިންސް ބޭނުން ކުރާ ކަމަށެވެ. އެއީ އަޅުކަމަށް ބޭނުން ކުރާ އެއްޗެސް ނޫންކަން އެންމެންނަށް އެނގޭނެ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް