"މިހާރު"ގެ ނޫސްވެރިންނަށް ކުރަމުން އަންނަ ފުރައްސާރަ ބޮޑުވެ، މައްސަލަ ފުލުހަށް!

"މިހާރު" ނޫހަށާއި އެނޫހުގެ މުވައްޒަފުންނަށް ފުރައްސާރަ ކުރުން ބޮޑުވުމުގެ ސަބަބުން ޖިނާއީ ތަހްޤީޤް ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ. މިހާރުގެ ނޫސްވެރިންނަށް އަމާޒުކޮށް، ސޯޝަލް މީޑިއ...

16 Jan 2023 | 19:16

"މިހާރު" ނޫހަށާއި އެނޫހުގެ މުވައްޒަފުންނަށް ފުރައްސާރަ ކުރުން ބޮޑުވުމުގެ ސަބަބުން ޖިނާއީ ތަހްޤީޤް ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

މިހާރުގެ ނޫސްވެރިންނަށް އަމާޒުކޮށް، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި  ސިޔާސީ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ނޫހުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އާއްމުކޮށް، އެނޫހުގެ ވަކިވަކި ނޫސްވެރިންގެ އަބުރައް އަރައިގަނެ އެ ނޫހާއި ނޫސްވެރިން އާންމުންގެ ތެރޭގައި ބަދުނާމުކުރުމަށް އެކި ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމުގައެވެ.

މިހާރު ނޫހަށާއި އެތަނުގެ ނޫސްވެރިންނަށް ތަފާތު ފުރައްސާރައާއި ޖެއްސުންކުރުންތައް ކުރިމަތިވަމުންދާކަމުގައާއި އެފަދަ ފަރާތްތަކުން ފަތުރާ ސާބިތު ނުހިފޭ ދޮގު ވާހަކަތަކުގެ ސަބަބުން އެ ނޫހުގެ ނޫސްވެރިން ނަފުސާނީ އަދި ޖިސްމާނީ ބިރުވެރިކަމާއި ކޮންމެ ދުވަހަކު ކުރިމަތިލަމުން ދާކަން ހާމަކޮށްފައިވެއެވެ.

ކަން މިގޮތަށް ކުރިއަށް ދިއުމަށް ދޫކޮށްލުމަކީ މިހާރު ނޫހަށާއި ނޫހުގެ ނޫސްވެރިން އަދި މުޅި ރާއްޖޭގެ ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ބިރެއްކަމުގައި އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ނޫހުގެ އަސާސްތައް ދަމަހައްޓައި، ނޫސްވެރިކަމުގެ މިނިވަންކަމާއި އެ ނޫހުގައި މަސައްކަތްކުރާ މުއައްޒަފުންނަށް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެ ނޫހުގެ ވާޖިބައް ހުރަސްއެޅޭ އެއްވެސްކަމެއް ކުރުމަކީ މިހާރު ނޫހުން އެއްވެސް ސިފައެއްގައި ތަހައްމަލުކުރާނެ ކަމެއް ނޫންކަމުގައެވެ.

މަދަނީ ދައުވާ ކުރެވޭނީ ކޮންކޮން މައްސަލަތަކެއްގައިތޯ ބަލައި، އެ މައްސަލަތައް ކުރިއަށްގެންދިއުމަށް މިހާރު ނޫހުގެ ޤާނޫނީ ވަކީލުންގެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް