އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ގުނާ އަދަދަު ނުކުރެވޭހާ ވެސް ގިނަ ނިޢުމަތްތަކެއް ދެއްވާފައެވެެ. އޭގެތެރެއިން އެންމެ މަތިވެރިވެގެންވާ މުހިއްމު އެއްނިޢުމަތަކީ އަޅުގަނޑުމެންނަށް ދެއްވާފައިވާ ދަރިންނެވެ. އެ ދަރިންނަށް ރަނގަޅު އިސްލާމީ ތަރުބިޔަތެއް ދީގެން ރަނގަޅު ގޮތުގައި ބަލާ ބޮޑުކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ މައްޗަށް ވެސް ވާޖިބުވެގެންވާ ކަމެކެވެ.
ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދަރިއަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ރަނގަޅު އިސްލާމީ ތަރުބިޔަތެވެ. ނަމަވެސް އިސްލާމީ ތަރަުބިޔަތެއް ދީ އެކުދިން ބަލާ ބޮޑުކުރުމަކީ އުނދަގޫ، އެކަމަކަށްޓަކައި ގިނަގުނަ ޤުރުބާނީތަކެއް ވެސްް ވާންޖެހޭނެ ކަމެކެވެ. އެއީކީ އެއްދުވަހަކުން ނުވަތަ ދެދުވަހަކުން ޙާޞިލުވާނެކަމެއް ނޫނެވެ. އެހެނީ އެއީ އެތަކެއް އަހަރަުތަކަކާއި އެތައްދުވަހަކާއި ވަގުތުތަކެއް ހޭދަކޮށްލަންޖެހޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވަވާފައިވާ ދަރިންނަކީ އަގުހުރި ބޮޑު ނިޢުމަތެކެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެބައެއްގެ ފަރާތުން އަޅުގަނޑުމެންނަށް ފައިދާކުރާނެ ނިޢުމަތެކެވެ. ނަމަވެސް އެއީ އަޅުގަނޑުމެން ކުރިޔާލައި ދަރިންނާމެދު އަޅާލައި ރަނގަޅު ތަރުބިއްޔަތެއް ދީފިނަމައެވެ. އިސްލާމީ ރިވެތި ތަރުބިއްޔަތުން ދަރިންނަށް ބުނެވި ގޯސް އަޚުލާގުގައި ދަރިން ބޮޑެތި ކޮށްފިނަމަ އެކުދިންނަކީ އަހަރެމެންގެ ހަލާކުކަމުގައިވެސް ވެދާނެއެވެ.
ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިޔަކު ދުނިޔެވީ ގޮތުން މޮޅުމީހަކަށް ހެދިދާނެއެވެ. މަޝްހޫރު މީހަކަށްވެސް ހެދިދާނެއެވެ. ނަމަވެސް އެންމެ މުހިއްމުކަމެއް ކަމުގައި އިސްލާމީ ތަރުބިއްޔަތެއް ދިނުމަށް ވިސްނަވާށެވެ. ދުނިޔެވީގޮތުން ދަރިންނަށް ހޯދައިދޭކަންކަމަކީ މިކަމުގެ ދަށުން އަންނަކަންކަން ކަމުގައި ހަދާށެވެ. އިސްލާމީ ތަރުބިއްޔަތާ ފުށުއަރާ ކަންކަމުގައި ދަރިފުޅަކީ މޮޅުމީހަކަށް ހެދުމަށް ލޯބިނުކުރާށެވެ. އެއްވެސް ރޮނގެއްގައި ދަރިފުޅު ކުރިއަރުވަން ބޭނުންކަމުގައިވާނަމަ، އެންމެ ފުރަތަމަވެސް އެރޮނގަކީ އިސްލާމީ ތަރުބިއްޔަތާ ކިހާވަރެއްގެ ގުޅުމެއް އޮތްކަމެއްތޯ ބައްލަވާށެވެ. އެއްގޮތްވާކަމުގައިވާނަމަ ކުރިއަށް ގެންދަވާށެވެ. ފުށުއަރާކަމުގައިވާނަމަ އަވަހަށް މަނާވެގަންނާށެވެ.
އިސްލާމީ ތަރުބިއްޔަތެއްގެ އެންމެ މުހިއްމުކަމަކީ އިސްލާމީ ޢިލްމު އެކުދިންނަށް ފޯރުކޮށްދިނުމެވެ. އެކުދިންގެ އުމުރުފުރާ ބަދަލުވަމުން އަންނަވަރަކަށް މިޢިލްމު އެކުދިންނަށް ފޯރުކޮށްދިނުމަކީ ބެލެނިވެރިންގެ ވާޖިބެކެވެ. ހަމައެކަނި ސްކޫލަށް ފޮނުވާފައި ދޫކޮށްލުމަކީ މިޢިލްމު ދިނުމެއްނޫނެވެ. އަދި އެކަމުގެ ޒިންމާއިން ބަރީޢަވެވޭނެކަމެއްވެސް ނޫނެވެ. މިޢިލްމު ފޯރުކޮށްނުދެވުމުގެ ނަތީޖާ އަޅުގަނޑުމެންގެ މުޖުތަމަޢުއިން ފެނުން ވަނީ ޢާއްމުވެފައެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބެލެނިވެރިންގެ މަޤްޞަދަކަށް ވަނީ ދަރިން ރަނގަޅަށް ތަރުބިއްޔަތުކުރުމެވެ. އެކުދިން ޤުރުއާން ކިޔެވުމެވެ. ނަމާދުކުރުމެވެ. ކާއިރު ބިސްމިކިޔުމެވެ. ނަމަވެސް، ނަމޫނާ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އެކުދިންނަށް ނަމޫނާ ބައެއްކަމުގައި ޚުދު އަޅުގަނޑުމެންނުވެ، އެކުދިން ރަނގަޅުވާނީ ކިހިނެއްތޯއެވެ. ދަރިފުޅަށް ނަމާދުކުރަން އަޅުގަނޑުމެން އަންގާއިރު، އެކުދިންނަށް މަންމައާއި ބައްޕަ ނަމާދުކުރާތަން ނުފެންނަކަމުގައިވާނަމަ، އެކުދިންގެ ހިތްތަކުގައި ސުވާލެއް ނޫފެދޭނެތޯއެވެ.
ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދަރިންނަށް ކޮންމެހެންވެސް އުނގަންނައި ދޭންޖެހޭ ކަންތައްތަކެއްވެއެވެ. މިގޮތުން ޤުރުއާންކިޔަވަން ދަސްކޮށްދިނުމާއި، ނަމާދުކުރަން ދަސްކޮށްދިނުންފަދަ އެކުދިންނާ ގުޅޭ އެންމެހާ ދީނީ ކަންކަމަކަށް އެކުދިންނަށް އިރުޝާދުދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އެޒިންމާ އުފުލާ ދަރިން އިސްލާމްދީނުގެ އެންމެހާ ކަންކަމަށް ލޯބި ޖެއްްސުމަށް ބެލެނިވެރިން މަސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެކެވެ.
އެހެންކަމުން، ދަރިންގެ ތަރުބިއްޔަތާމެދު ފަރުވާކުޑަ ނުކުރައްވާށެވެ. އެކުދިންގެ މުސްތަޤްބަލު އުޖާލާވެ، އުފާވެރި ޙަޔާތެއް ހޯދާދިނުމަށްޓަކައި، އިސްލާމީ ރިވެތި ތަރުބިއްޔަތުން ތަރުބިއްޔަތު ދެއްވުމަށް ގަދައަޅައި މަސައްކަތްކުރައްވާށެވެ. އެއީ އެކަމުގެ ފައިދާ ޚުދު އަޅުގަނޑުމެންނަށްވެސް ލިބޭނެކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް