އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތާއި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
އެމަނިކުފާނު މި ދެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީ އަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެކްސްޕޯ ދުބާއީ އަށް ޒިޔާރަތްކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ދުބާއި އެގްޒިބިޒަން ހޯލްގައި މިއަދު ބޭއްވި އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތު ވެސް މިއަދު ކުރިޔަށްގެންދަވާފައި ވެއެވެ.
އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް އަކީ ސަސްޓެއިނަބިލިޓީ ދާއިރާގައި މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ހަރަކާތެކެވެ.
މި ހަރަކާތުގެ މަޤްޞަދަކީ އިޖްތިމާޢީ، އިޤްތިޞާދީ، އަދި ފަންނީ ކުރިއެރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.
މިއަހަރުގެ މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ކޮޕް-26ގެ ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ މަގުޗާޓުތައް، ގުޅިގެން އެއް މަޤްޞަދެއް ހާޞިލުކުރެވޭގޮތަށް އަލުން މުރާޖައާކޮށް އެކުލަވާލުމުގެ މައްޗަށެވެ.
ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ސަސްޓެއިނަބިލިޓީގެ ދާއިރާއިން ޔޫ.އޭ.އީ އިން ދޭ ޝަރަފުވެރި ބައިނަލްއަޤްވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތްކުރެވެނީ އެ ޤައުމުގެ ބާނީ އަލްމަރްޙޫމް ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ޚިދުމަތްތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް