500 މީހުންގެ ޖާގައިގެ މިސްކިތެއް ފ. ނިލަންދޫގައި އަޅަން ނިންމައި އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައ ިއެރަށުގައި މިސްކިތެއް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ އިސްމާޢިލެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
365 ދުވަސްތެރޭގައި ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށާނީ މިއަންނަ ފެބްރުވަރީ މަހުގެ 14 ވަނަ ދުވަހުއެވެ.
މިއީ ދިވެހި ދައުލަތުން 11.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފާ ހުންނާނެއެވެ.
2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް