ޓެލައިޓް ސްކޫލަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމުގައިވާ ޖަޒީރާ ތަރައްޤީއަށް އައު ފެށުމެއް: ނައިބު ރައީސް

ޓެލައިޓް ސްކޫލަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމުގައިވާ ޖަޒީރާ ތަރައްޤީއަށް އައު ފެށުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގަ...

17 Jan 2022 | 07:24

ޓެލައިޓް ސްކޫލަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމުގައިވާ ޖަޒީރާ ތަރައްޤީއަށް އައު ފެށުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ރަސްމީގޮތުން ސެޓެލައިޓް ސްކޫލް އިފްތިތާޙް ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކާރުން މިއަދު ސެޓެލައިޓް ސްކޫލްގެ މަފްހޫމަށް ކިޔަވައިދިނުން އިފްތިތާޙްކޮށްދެއްވި ތިން ރަށުގެ ދަރިވަރުންނަށް އެކުދިންގެ އަމިއްލަ ރަށުގައި ތިބެ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު ލިބިގެން އެދިޔައީ ގާތްގަޑަކަށް 12 ވަރަކަށް އަހަރުވަންދެން އެފުރުޞަތު ނުލިބި އޮތުމަށްފަހުގައިކަން ފާހަގަކުރެއްވިއެވެ. އަދި މި ލިބުނު ފުރުޞަތާއެކު މި ރަށްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ ތަޢުލީމީ ދާއިރާ ކުރިއަރުވާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

ސެޓެލައިޓް ސްކޫލް މަފްހޫމަށް ކިޔަވައިދޭން ފެށި ސްކޫލްތަކަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު ނިޒާމީ ތަޢުލީމު ފޯރުކޮށް ދިނުމަށް ސަރުކާރުގެ ސްކޫލެއް ޤާއިމް ވެފައި ނުވާ ރަށްތަކެއް ކަމުގައިވާ ބ. ފެހެންދޫ ވ. ތިނަދޫ އާއި އެ އަތޮޅު ރަކީދޫގެ ސްކޫލެވެ.

ދިރާސީ އަހަރު 2021-2022ގައި މި ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8 ގެ ނިޔަލަށެވެ. ސެޓެލައިޓް ސްކޫލްތައް ފެށިގެން ދާއިރު މިއިން ކޮންމެ ސްކޫލެއްގައި ދެ ޓީޗަރުންނާއި އެޑްމިން އޮފިސަރަކާއި މަސައްކަތު މީހަކު، މަސައްކަތް ކުރާނެއެވެ.

ސެޓެލައިޓް ސްކޫލްތަކުގައި ހައި ސްޕީޑް އިންޓަރނެޓް މެދުވެރިކޮށް އޮންލައިންކޮށް ކިޔަވާދިނުން ކުރިޔަށްގެންދާއިރު، މި ނިޒާމުގައި ދަރިވަރުން ކިޔެވުމަށް ހާޒިރުވާނީ އެކުދިން އަމިއްލަ ރަށުގެ ސުކޫލަށެވެ. ސެޓެލައިޓް ސުކޫލުތަކަށް ކިޔަވައިދިނުމަށް ޚާއްސަ ކުރެވިފައިވާ ޓީޗަރުން ތިއްބަވާނީ މާލޭގެ ހުރަވީ ސުކޫލުގައި ޤާއިމުކޮށްފައިވާ ސެޓެލައިޓް ހަބް ސެންޓަރުގައެވެ. ކިޔަވައި ދެއްވާ ޓީޗަރުން އެހެން ރަށެއްގައި ތިއްބެވި ނަމަވެސް ފެސިލިޓޭޓަރ ޓީޗަރުން އަބަދު ވެސް ދަރިވަރުންނާއެކު ކްލާސްތަކުގައި މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން މި ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގުމުގައި ބެލެނިވެރި ސްކޫލްތައް ގޮތުގައި ބ. ގޮއިދޫ ސްކޫލާއި، ވ. ކެޔޮދޫ ސްކޫލް އަދި ވ. އަތޮޅު ތަޢުލީމީ މަރުކަޒު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި މި ބެލެނިވެރި ސުކޫލުން ރާވާ ހިންގާ އިތުރު ހަރަކާތްތަކުގައި ސެޓެލައިޓް ސުކޫލު ދަރިވަރުން، ބެލެނިވެރިން ސުކޫލަށް ހާޒިރުވެގެން ބައިވެރިވާނޭ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާފައެވެ.

ބެލެނިވެރި ސްކޫލްގެ ޒިންމާތަކުގެ ތެރޭގައި ސެޓެލައިޓް ސްކޫލްގެ މާލީ ކަންކަން ބަލަހައްޓައިދިނުމާއި ސެޓެލައިޓް ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކުޅިވަރު ހަރާކާތްތަކާއި އެހެނިހެން ހަރާކާތްތައް ރާވައިހިންގުން ވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް