ސްޕެނިޝް ސުޕަ ކަޕް ޗެމްޕިއަން ކަން ރެއާލް މެޑްރިޑް ހޯދައިފިއެވެ.
ސްޕެނިޝް ސުޕަ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބު ކުރީ ފައިނަލުގައި އެންމެ ފަހުހެ ޗެމްޕިއަން އެތްލެޓިކޯ ބިލްބާއޯ 0-2 ގެ ނަތީޖާއިން ބަލިކުރުމަށް ފަހުގައެވެ.
ސައުދީގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅެފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން ރެއާލުން ވަނީ މެޗުގެ 38 ވަނަ މިނިޓްގައި ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ރެއާލަށް ކާމިޔާބު ކޮށްދިނީ ރޮޑްރީގޯގެ އެހީތެރި ކަމާއި އެކު ލޫކަ މޮޑްރިޗް އެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ރެއާލުން ނިންމާލިއިރު، އެޓީމުން ވަނީ ދެވަނަ ހާފު ފެށިގެން ވަރަށް ކުރީކޮޅު ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގައި ރެއާލް އަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒެމާއެވެ. ރެއާލް އަށް ލިބުނު މި ޕެނަލްޓީ އަކީ ބެންޒެމާ ބިލްބާއޯގެ ގޯލަށް ފޮނުވާލި ބޯޅައެއް ބިލްބާއޯގެ އަލްވާރޭޒް އަތުގައި ޖެހުމުން ވީއޭއާރް ބެލުމަށް ފަހު ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ރޭ ރެއާލުން ހޯދި ސުޕަ ކަޕް ތައްޓާއި އެކު އެ ކުލަބު ސްޕެނިޝް ސުޕަ ކަޕް ތަށި ހޯދި އަދަދު ވަނީ 12 އަށް އަރާފައެވެ. މި ތަށި އެންމެ ގިނައިން ހޯދާފައިވަނީ ބާސެލޯނާއިންނެވެ. އެޓީމުން ވަނީ ސްޕެނިޝް ސުޕަ ކަޕް 13 ފަހަރެއްގެ މަތިން ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް