ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީތަކަކީ މިސަރުކާރަށް އިތުރު ދައުރެއް ދިނުން ހައްގު މަސައްކަތްތަކެއް: އިކްރާމް

ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީތަކަކީ މިސަރުކާރަށް އިތުރު ދައުރެއް ދިނުން ހައްގު މަސައްކަތްތަކެއް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ޤ...

17 Jan 2022 | 02:49

ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީތަކަކީ މިސަރުކާރަށް އިތުރު ދައުރެއް ދިނުން ހައްގު މަސައްކަތްތަކެއް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގެންގުޅޭ ގައުމުގެ މަގާމު މިއަހަރު ވެސް ރާއްޖެއަށް ލިބުމާއި ގުޅިގެން އިކްރާމް ވިދާޅުވީ ކޮވިޑް-19 ގެ ދަތި ހާލަތުގައި ވެސް މިބޮޑު ދަތިކަމުގެ ތެރޭގައި ވެސް ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކަކީ ފެންނަންހުރި ކާމިޔާބީ ތަކެއްކަމަށެވެ. އަދި އެކާމިޔާބީތަކަކީ ހަމަ ބުއްދިން ވިސްނާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ބޮޑެތި ކާމިޔާބީތަކެއް ކަމަށެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސްއިން އާއްމުކުރާ ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްތަކުގެ ލިސްޓަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރާއިބެހޭ މައި ޖަމުއިއްޔާ، އަޔާޓާގެ މައުލޫމާތުތަކުގެ މައްޗަށް ރިޔާއަތްކޮށް ނެރޭ ލިސްޓެކެވެ. މި ލިސްޓުގައި ޕާސްޕޯޓެއްގެ ބާރުގަދަކަން ކަނޑައަޅަނީ އެ ޕާސްޕޯޓަކާއެކު ދުރާލާ ވީޒާ ނުނަގާ ދަތުރުކުރެވޭ ގައުމުތަކުގެ އަދަދުންނެވެ.

190 އެއްހާ ގައުމު ހިމެނޭ މިލިސްޓުގެ ދުނިޔޭގެ ރޭކިންގ ގައި މިއަހަރު ރާއްޖެއަށް ހަ ދަރަޖައިގެ ކުރިއެރުމެއް ލިބި، 58 ވަނަ ވަނީ ލިބިފައެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސްގައިވާ މައުލޫމާތުތަކުގައިވާ ގޮތުން ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވީޒާ ނުނަގައި 88 ގައުމަކަށް ދަތުރުކުރެވެއެވެ.

މިލިސްޓުގައި މިސަރަހައްދުގެ ގައުމުތަކުން ރާއްޖެއާ އެންމެ ގާތުން ވާދަކުރާ ގައުމަކަށް އޮތީ ލިސްޓުގެ 84 ވަނައިގައި އޮތް އިންޑިއާއެވެ. ބޫޓާން 90 ވަނައިގާ އޮތްއިރު މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުލުގައި މިފަހަރުވެސް އޮތީ އަފްޣާނިސްތާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް