މޭރީގެ މަރު: ލަމްހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ޅ. ހިންނަވަރު މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިތުރު ކޮށްފިއ...

17 Jan 2022 | 02:33

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ޅ. ހިންނަވަރު މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިތުރު ކޮށްފިއެވެ.

އެ ކޯޓުން ވަނީ ލަމްހާގެ ބަންދަށް އިތުރު ދިހަ ދުވަސް ޖަހައިދީފައެވެ. މިއީ ލަމްހާގެ ބަންދުގެ މުއްދަތު ޖެހި ތިން ވަނަ ފަހަރެވެ.

ލަމްހާ ހައްޔަރުކޮށްފައިވަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ މޭރީ ގްރޭސް ނަމަކަށްކިޔާ ފިލިޕީންސަށް ނިސްބަތްވާ ނަރުސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މަރުވުމާއި ގުޅިގެންނެވެ. އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ އޭނާގެ ފިރިމީހާ މާވިންއެވެ.

އެ މައްސަލައާ ގުޅިގެން ލަމްހާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

މެރީގެ މަރުގެ މައްސަލާގައި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދިވެހި ނަރުސް ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައެވެ.

އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އޭނާގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީ، މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެެރިވެ އެ އަމަލު ހިންގުމަށް މާވިންނަށް މަގުފަހިކޮށްދީފައިވާތީއެވެ.

ލަމްހާގެ މައްޗަށް ކުރާ އަނެއް ދެ ދަޢުވާގައި ވަނީ އޭނާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު އޭނާގެ ކޮޓަރި ތެރެއިން އައިޖީއެމްއެޗްގެ ހުއްދައަކާ ނުލާ އެ ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ އިންޖެކްޝަންތަކެއް ފެނިފައިވާކަމަށެވެ. އަދި ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ ބޭސްތަކެއްވެސް ލަމްހާގެ ކޮޓަރިން ފެނިފައިވާކަމަށްވެސް އެ ދައުވާގައިވެއެވެ.

ލަމްހާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން 6 އަހަރާއި 5 މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް