ކުރު މުއްދަތެއްގެ ބުރަ މަސައްކަތުން، އުރީދޫ 4G ޕްލަސް ނެޓްވޯކް ފުޅާ ކޮށްފި

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އުރީދޫ އިން ފެށިގެންދިޔަ މުޅި ރާއްޖެއަށް 4G ނެޓްވޯރކް ފުޅާ ކުރުމުގެ މަސައްކަތް، އެންމެ 19 ދުވަހުގެ ބުރަ މަސައްކަތާއިއެކު ކާމިޔާބުކަމާއިއެކު ނިމިފައިވާ ކަމަށް މިއަދު އެކ...

17 Jan 2017 | 12:39

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އުރީދޫ އިން ފެށިގެންދިޔަ މުޅި ރާއްޖެއަށް 4G ނެޓްވޯރކް ފުޅާ ކުރުމުގެ މަސައްކަތް، އެންމެ 19 ދުވަހުގެ ބުރަ މަސައްކަތާއިއެކު ކާމިޔާބުކަމާއިއެކު ނިމިފައިވާ ކަމަށް މިއަދު އެކުންފުނިން އިޢުލާން ކޮށްފިއެވެ.

މިއަދު ހަވީރު ހޮޓެލް ޖެން ގައި މިކަމާއި ގުޅޭގޮތުން ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އުރީދޫ އިން ބުނެފައިވަނީ އެކުންފުނީގެ ފެންވަރު މަތި ކުރުމުގެ މުހިންމު މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖެގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ މުއާސަލާތީ ބޭނުންތަކަށް، އުރީދޫ ގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލްއިން ލިބިފައިވާ އިތުރު ކެޕޭސިޓީ މެދުވެރިކޮށް ޙައްލެއް ގެނެސްދިނުމަށްޓަކައި ކަމަށެވެ.

މިއަދުގެ މިޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވިކްރަމް ސިންހާ ވިދާޅުވީ " މިއަދަކީ ރާއްޖެއަށް ފުޅާ ކުރެވިފައިވާ ފުރަތަމަ 4 ޖީ ޕްލަސް ނެޓްވޯކް ތަޢާރަފް ކުރެވި، އުރީދޫ ގެ ދަތުރުގެ މުހިންމު ލަނޑުދަނޑިއަކަށް ވާސިލްވި ދުވަހެއް" ކަމަށާއި " އުރީދޫ އިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުން ދަނީ، ދުނިޔޭގެ އެންމެ ފަހުގެ އުފެއްދުން ތަކާއި ޚިދުމަތްތަށް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން" ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އުރީދޫގެ ހެޑް އޮފް ސޭލްސް ޙުސެއިން ނިޔާޒު ވިދާޅުވީ މުޅި ރާއްޖެއަށް 4 ޖީ ޕްލަސް ނެޓްވޯކް ޚިދުމަތް ދިނުމުގެ މަސައްކަތް ނިންމާލީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުރީދޫގެ ފަރާތުން ދަތުރުކޮށް، ރެއާއި ދުވާލު އުރީދޫގެ ޓީމުގެ ފަރާތުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު އެންމެ 19 ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ކަމަށެވެ. އަދި މިއަދަށްފަހު ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް އުރީދޫ 4 ޖީ ޕްލަސް ޚިދުމަތް ލިބިގެންދާނެ ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އުރީދޫ 4 ޖީ ޕްލަސް ނެޓްވޯކްގެ މަސައްކަތުގައި، އުރީދޫގެ ފަރާތުން ބައިވެރިވި ޓެކްނިކަލް ޓީމްތަކަށް، މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ އެވޯޑް ދީފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެމުން އުރީދޫގެ ހެޑް އޮފް ޕްލޭނިންގް ޝަބީން އަލީ ވިދާޅުވީ މިޕްރޮޖެކްޓަކީ އުރީދޫ ގްރޫޕްގެ ޗެއާމަން ދެއްވެވި ޗެލެންޖެއް ކަމަށާއި، އެހެން ކަމުން އުރީދޫ ޓީމުން އެޗެލެންޖު ބުރަމަސައްކަތުން ފުރިހަމަ ކުރުމަށްފަހު، މިއީ އުރީދޫގެ މުވައްޒަފުންގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް ދޭ ހަދިޔާއެއް ކަމަށެވެ.

އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް 4ޖީ ސިމްކާޑެއް ލައްވާފައިވާ 4ޖީ ޕްލަސް ފޯނެއް މެދުވެރިކޮށް، އިތުރު އަގަކާނުލާ މިއަދު ތަޢާރަފް ކުރެވުނު މިޚިދްމަތް ބޭނުން ކުރެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އަދި މިހާރު ގެންގުޅޭ އުރީދޫ ސިމްކާޑުން 4ޖީ ޕްލަސް ކޮމްޕެޓިބަލްތޯ ބެއްލެވުމަށް "4G" ޖެއްސެވުމަށްފަހު، 5353 އަށް އެސްއެމްއެސް ޗެކް ކުރެވޭނެ ކަމަށްވެސް އެކުންފުނިިން ވަނީ މަޢުލޫމާތު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް