އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

ނިމިދިޔަ 2016 ވަނަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި އެވެ. މިނިސްޓްރީ އޮފ...

17 Jan 2017 | 07:26

ނިމިދިޔަ 2016 ވަނަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ވިދާޅުވީ، ނިމިގެން ދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށާފައިވަނީ މިއަދު ހެނދުނު 11:30 ގައި ކަމަށެވެ. އޮންލައިންކޮށް ދޫކުރާ މި ނަތީޖާ ފެންނާނީ ސެންޓަރުތަކުގެ އިސްވެރިންނަށް ކަމަށް ޑީޕީއޭއިން މައުލޫމާތު ދެއްވައެވެ.

ޑީޕީއޭއިން ވިދާޅުވީ، އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް މިއަދު ދޫކުރަން ފަށާފައިވާއިރު، މާދަމާ އިމްތިހާނުގެ ނަތީޖާ ސްލިޕް ދަރިވަރުންނަށް ދޫކުރަންފަށާނެ ކަމަށެވެ. އޯލެވެލް އިމްތިހާނުގެ ނަތީޖާ މާދަމާ ހެދުނު 8:30ގައި އެދަރިވަރު އިމްތިހާނު ހެދި ސެންޓަރަކުން ލިބެން ހުންނާނެކަމަށް ޑީޕީއޭއިން މައުލޫމާތު ދެއްވައެވެ.

ނަތީޖާ ސްލިޕްތައް އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ޑީޕީއޭގެ ސެންޓަރުތަކުން ދޫކުރާނެކަމަށް އެ ޑިޕާޓްމަންޓް އިން މައުލޫމާތު ދެއްވަ އެވެ.

ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ.

ނަތީޖާގައި މައްސަލައެއް ވާކަމަށް ޝައްކު ކުރެވޭނަމަ އެކަން ލިޔުމަކުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެ ޑިޕާޓްމަންޓަށް ހުށައެޅުމަށް ވަނީ އަންގާފައެވެ. އަދި ނަތިޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 8 ފެބްރުއަރީ ވާ ބުދަ  ދުވަހުގެ ގެ ކުރިން ހުށައެޅުމަށް ވެސް ވަނީ އަންގާފައެވެ.

2016 ވަނަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައިވަނީ ޖުމްލަ 7028 ދަރިވަރުންނެވެ. އޭގެ ތެރެއިން ކޭމްބްރިޖް އިމްތިހާނު 6291 ދަރިވަރަކު ހަދާފައިވާއިރު، އެސްއެސްސީ އިމްތިހާނު ހަދާފައިވަނީ 5677 ދަރިވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް