އިންތިހާބުގައި ބައިވެރިނުވާން ނިންމީ ސަރުކާރާއި އީސީ ގުޅިގެން ހިންގާ ޖަރީމާގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު ޕާޓީ

ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރި ނުވާން ނިންމީ ސަރުކާރާއި އިލެކްޝަންސް ކޮމިޝަނާއި ދައުލަތް ހިންގުމަށްތިބި އެހެން ބައެއް ފަރާތްތަކުން ގުޅިގެން، ގާނޫނީ ނިޒާމުގެ ބޭރުން ހިންގާ ބޮޑު ޖަރީމާއެއްގައ...

17 Jan 2017 | 07:08

ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރި ނުވާން ނިންމީ ސަރުކާރާއި އިލެކްޝަންސް ކޮމިޝަނާއި ދައުލަތް ހިންގުމަށްތިބި އެހެން ބައެއް ފަރާތްތަކުން ގުޅިގެން، ގާނޫނީ ނިޒާމުގެ ބޭރުން ހިންގާ ބޮޑު ޖަރީމާއެއްގައި ބައިވެރިވެ އެފަދަ ކަންކަމަށް ގާނޫނީ ހައިސިއްޔަތު ހޯދައިދިނުމުގައި އަދާލަތު ޕާޓީގެ ދައުރެއް ނުބޭއްވުމަށް ކަމުގައި އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޤާނޫނީ ހަމަތަކުގެމަތިން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ 2017 ވަނައަހަރުގެ ލޯކަލްކައުންސިލްތަކުގެ އިންތިޚާބު ނިގުޅާގަނެ، އެކަމާމެދު ޢަމަލުކޮށްފައިވާގޮތާއި ނިންމާފައިވާ ނިންމުންތަކުގައި ހުރީ އިންތިޚާބުތަކާގުޅިގެން އާންމުގޮތެއްގައި ފެންމަތިވާފަދަ އާދައިގެ ކުދިކުދި މައްސަލަތަކެއްނޫން ކަމަށެވެ. މިކަމުގެ ތެރޭގައި ހާމަޔަށް ފެންނަންހުރީ ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމާއި، ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމު މުޅިން ހަލާކުކޮށް ރައްޔިތުންގެ ވެރިކަމާއި ޤާނޫނުގެ ބާރު ނެތިކޮށްލާން ހިންގާފައިވާ ބޭއިންސާފު އަނިޔާވެރި ޖިނާއީ ކުށްތަކެއް ކަމަށެވެ. އެހެންކަމުން މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ރައްޔިތުންގެ ހަމަޖެހުމާއި ދިވެހި ޤައުމުގެ ސިޔާދަތު ދެމިއޮތުން ބިނާވެގެންވަނީ ރައްޔިތުންގެ ވެރިކަމާއި ޤާނޫނުގެ ބާރު ދިވެހިރާއްޖޭގައި ހިންގާ މިންވަރެއްގެ މައްޗަށް ކަމުގައި ވީހިނދު، މިކަންކަމަށް ލޮޅުމެއް އަތުވެދާނެ ކޮންމެކަމަކާ ދެކޮޅުހަދާ އެކަންކަން ހުއްޓުވާ ދިވެހި ރައްޔިތުންގެ މަސްލަޙަތުތައް ހިމާޔަތްކުރުމަށްޓަކައި ކުރާމަސައްކަތުގައި ޢަދާލަތު ޕާޓީ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

"އިސްވެދެންނެވުނުފަދައިން ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމު ހަރާބުކޮށްފައިވާހިނދު، ކުރިޔަށްއޮތް ރިޔާސީ އިންތިޚާބަކީ ގައުމުގެ މުސްތަގުބަލް އެ އިންތިޚާބާ ހުރިހާގޮތަކުން ގުޅިލާމެހިފައިވާ އިންތިޚާބަކަށްވާތީ، ކުރިޔަށްހުރި އިންތިޚާބުތަކުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި އިންތިޚާބުގެ ނަމުގައި މިވަގުތު ހިންގަމުންގެންދާ ޤާނޫނާ ޚިލާފު ކަންކަން ހުއްޓުވާ އެކަންކަމަށް ފާޅުގައި ދެކޮޅުހަދާ ނޫނެކޭބުނެ، ދިވެހި ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުން ބާރުލިބިގެން، ދިވެހިރާއްޖެ ގުޅިފައިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އެކުވެރި ދަޢުލަތްތަކުގެ ސަމާލުކަމަށް މިކަންކަންގެނެސް، ސަރުކާރާއި ދަޢުލަތުގެ އެހެން ފަރާތްތަކުން ހިންގަމުންގެންދާ ޖަރީމާތައް ހުއްޓުވާ، އިންތިޚާބީ ކަންކަން އަލުން ޤޫނޫނުގެ ތަރަހައިގެ ތެރެއަށްގެނެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަކީ ހުރިހާ ފަރާތްތަކަށްވެސް ވާދަކުރެވޭ ދެފުށްފެންނަ އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރުން އެންމެ މުހިންމު ދަނޑިވަޅަކީ މިވަގުތު ކަމުގައިވެސް މި ޕާޓީން ދެކެމެވެ." އަދާލަތު ޕާޓީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެހެންކަމުން ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ނަމުގައި ހިންގަމުދާ ޤާނޫނާ ޚިލާފު ކަންކަމަށް ނޫނެކޭބުނެ އެކަންކަމަށް ޤާނޫނީ ހައިޞިއްޔަތު ދިނުމަށް އިންކާރުކުރުމަކީ ޢަދާލަތު ޕާޓީން ނިންމި އުނދަގޫ އެހެންނަމަވެސް ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމުގެ މުސްތަޤުބަލަށްޓަކައި ކޮންމެހެން މުހިންމު ނިންމުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް