ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް)ގެ އޭޓީއެމްއެއް ބަހައްޓައިދިނުމަށް އެދި ފުވައްމުލަކު ޒުވާނުން އިސްނަގައިގެން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން މިކަމުގައި އިސްކޮށް އުޅުއްވާ އަދި އެރަށު ކައުންސިލަރުގެ މަގާމުވެސް އަދާކުރަމުން އަންނަ އަލީ ޝަޒީމް މުހައްމަދު ވިދާޅުވީ މި ޕެޓިޝަންގެ ބޭނުމަކީ އެއާޕޯޓް ސަރަހައްދުގައި އޭޓީއެމްއެއް ބެހެއްޓުމަށް ރަށުގެ ރައްޔިތުން އެދޭ މިންވަރު ބީއެމްއެލްއަށް ހާމަކޮށްދިނުން ކަމަށެވެ.
"މި ހަރަކާތް އަޅުގަނޑުމެން މި ފެށީ މިއަދު ހަވީރު، މިރޭވެސް ކުރިއަށް ދާނެ، ޓާގެޓް މިކުރަނީ 1000 ސޮއި ހޯދަން، މިހާރު މިހާތަނަށް 400 މީހުންގެ ސޮއި ލިބިއްޖެ" ޝަޒީމް ވިދާޅުވި އެވެ.
ޝަޒީމް އިތުރަށް ވިދާޅުވީ އެއާޕޯޓް ސަރަހައްދުގައި އޭޓީއެމްއެއް ބެހެއްޓިއްޖެ ނަމަ އައްޑޫންނާއި ހުވަދު އަތޮޅުން އަންނަ މަސްވެރިންނަށާއި އަދި ފުވައްމުލަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށާއި މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް މާދަމާވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި މި ޕެޓިޝަން ކުރިއަށްގެންދަނީ އެރަށުގެ އެކި އަވަށްތަކުގެ ޒުވާނުން ގުޅިގެން ކަމަށްވެސް ޝަޒީމް ވިދާޅުވި އެވެ.
ފުވައްމުލަކުގައި މިހާރުވެސް ބޭންކް އޮފް މޯލްޑިވްސްގެ ދެ އޭޓީއެމް އެއް ހުރެއެވެ. އެ ދެ އޭޓީއެން ހުންނަނީ ރަށުގެ މެދުތެރޭގަ އެވެ. އެއާޕޯޓް ހިމެނޭ ސަރަހައްދަކީ އެ ސަރަހައްދުގައި ރަށުގެ ބަނދަރާއި ހޮޓާ ރެސްޓޯރެންޓްތަކާއި ފިހާރަތައް ގިނަ ސަރަހައްދަކަށްވެފައި އެ ސަރަހައްދުގައި އޭޓީއެމްއެއް ހުރުމުން ރަށަށް ވަންނަ ފައިސާ އިތުރުވެގެން ދާނެ ކަމަށް އެރަށު ޒުވާނުން ދެކެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް