ޗިސް މޭ ބަދަލުކުރުމަށް ފަހު ފަރުވާ ދެމުން ދަނިކޮށް ލައިބާ ނިޔާވެއްޖެ

ޗިސް މޭ ބަދަލު ކުރުމުގެ ބޮޑު އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ލައިބާ އަބްދުﷲ ޝިފާޒު ނިޔާވެއްޖެ އެވެ. ނިޔާވި އިރު ލައިބާގެ އުމުރަކީ ހަ މަހެވެ. ލައިބާ ނިޔާވީ އިންޑިއާގެ ޗެންނާއީގެ...

17 Jan 2015 | 06:00

ޗިސް މޭ ބަދަލު ކުރުމުގެ ބޮޑު އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ލައިބާ އަބްދުﷲ ޝިފާޒު ނިޔާވެއްޖެ އެވެ.

ނިޔާވި އިރު ލައިބާގެ އުމުރަކީ ހަ މަހެވެ. ލައިބާ ނިޔާވީ އިންޑިއާގެ ޗެންނާއީގެ ގްލޯބަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި އެވެ.

އާއިލާގެ ފަރާތުން މައުލޫމާތު ދޭގޮތުގައި އިއްޔެގެ ވަގުތެއްގައި ލައިބާ ނިޔާވިއިރު ލައިބާގެ ހާލު އޭގެ ކުރީ ދުވަހުން ފެށިގެން ގޯސްވެ ހަށިިގަނޑުގެ ތެރެއަށް ލޭފައިބާ، މޭ މަސައްކަތް ކުރުން ވަނީ ހުއްޓީފައި އެވެ. ލައިބާ ނިޔާވިއިރު  އޮތީ އޮޕަރޭޝަނަށް ފަހު ތިން މަސްވަންދެން އައިސީޔޫގައި ބާއްވަން ޖެހޭތީ ގްލޯބަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ.

އާއިލާއިން ބުނީ އެ އޮޕަރޭޝަނަށް 50،000 ޑޮލަރު ހަރަދުވެފައިވާ ކަމަށެވެ.

ލައިބާގެ އުމުރުން ތިން މަހުން ފެށިގެން ވަނީ ޗިސް މޭ ބަދަލު ކުރުމުގެ ކުރިން ހަދަންޖެހޭ ގިނަ ޓެސްޓް ތަކެއް ހަދާފައި އެވެ. އަދި އެ ޓެސްޓްތަކުގެ ސަބަބުން ބައެއް ފަހަރު ލައިބާގެ ހާލު ސީރިއަސްވެފައިވާއިރު އޮޕަރޭޝަނަށް ފަހުވެސް ލައިބާގެ ހާލު ރަނގަޅުވަމުން އައިސްފައި ނުވާކަމަށް އާއިލާއިން ބުންޏެވެ.

ލައިބާގެ މޭ މަސައްކަތް ނުކުރާކަން އާއިލާއަށް އެނގިފައިވަނީ ލައިބާ ވިހޭފަހުން އެއްދުވަހުން އަނެއް ދުވަހަށް ބަރު ނުވުމާއި ބޮޑުކަމުދާއިރު “ހުދު” ކުލައިގައި ހުރުމާއި ލައިބާގެ ލޮލާއި އެނޫންވެސް ހަށިގަނޑުގެ ތަންތަން ރީންދޫ ވުން ފަދަ ސިއްހީ މައްސަލަތަކެއް ފެންނަން ފެށުމުން ނެވެ.

ލައިބާއަށް ފަރުވާ ހޯދުމަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން އާއިލާ އާއި ރައްޓެހިން އެކުވެގެން ސޯޝަލް މީޑިއާގައި ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވާއިރު ފައިސާ ހޯދުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓިއެވެ. އަދި އާސަންދައިންވެސް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް