ޢަބްދުﷲ ރަޝީދު ނިޔާވި މައްސަލައިގެ ތަޙުޤީޤު އެންއައިސީއާ ހަވާލު ކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ނިޔާވި ގދ. ހޯނޑެއްދޫ / ސްވެން ޢަބްދުﷲ ރަޝީދު (43އ.) ނިޔާވި މައްސަލައިގެ ތަޙުޤީޤު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހަވާލުކ...

27 Oct 2022 | 08:57

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ނިޔާވި ގދ. ހޯނޑެއްދޫ / ސްވެން ޢަބްދުﷲ ރަޝީދު (43އ.) ނިޔާވި މައްސަލައިގެ ތަޙުޤީޤު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހަވާލުކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯނޑެއްދޫން ހައްޔަރު ކޮށްގެން ގެންދިޔަ ޢަބްދުﷲ ރަޝީދު ނިޔާވެފައި ވަނީ އެދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޭނާގެ މެއަށް ތަދެއް އަރައި ފިޓު ޖެހުމުގެ އަލާމާތްތަކެއް ފެނުމުން ގދ. މަޑަވެލީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރަށް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ޢަބްދުﷲ ރަޝީދު ހައްޔަރު ކުރަން ހަރަކާތްތެރި ވުމުގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކޮށްފައި ނުވާ ކަމަށެވެ. އަދި އެރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް ޢަބްދުﷲ ރަޝީދު ނިޔާވި މައްސަލައިގައި ގިނަ ކަންބޮޑުވުންތަކަކާއި ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ވެސް ވަނީ އުފެދިފައެވެ. އެގޮތުން އޭނާ ހައްޔަރު ކުރަން ހަރަކާތްތެރިވުމުގައި ފުލުހުން އޭނާއަށް އަނިޔާ ކުރިކަމަށާއި ހައްޔަރު ކުރި ވަގުތު ބޮޑީ ކެމް ނުޖެއްސީ ކީއްވެތޯ ވެސް ސުވާލު އުފެދިފައިވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޢަބްދުﷲ ރަޝީދު ނިޔާވި މައްސަލައިގެ ތަޙުޤީޤުގެ ޕްރައިމެރިލީ އިންވެސްޓިގޭޓިންގް އޭޖެންސީ އަކީ އެންއައިސީ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ހިންގާ މުއާމަތާތުތައް ހިންގާނީ އެންއައިސީން ކަމަށާއި މައްސަލައާ ގުޅޭ މައުލޫމާތު އާންމު ކުރާނީވެސް އެންއައިސީ އިން ކަމަށް އެއްބަސްވުމެއްގެ ދަށުން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް