މޯލްޑިވްސް މީޑިއާ ކައުންސިލްގެ އައު ދައުރުގެ ރައީސަކަށް ތިލަދުން އޮންލައިންގެ ހުސައިން ސަޤީފް މިއަދު އިންތިޚާބުކޮށްފިއެވެ.
މިއަދު ފެށި އެމްއެމްސީގެ އައު ދައުރުގެ ރައީސަކަށް ސަގީފާއެކު ދެން ވާދަކުރީ "މިހާރު" ނޫހުގެ ފާތިމަތު ޝަނާ މުހައްމަދެވެ.
ދެ މެންބަރުންގެ މެދުގައި ފުރަތަމަ ވޯޓު ނެގީ އާދިއްތަ ދުވަހުގައެވެ. އާދިއްތަ ދުވަހު ނެގި ވޯޓުން 2 މެންބަރުންވެސް އެއްވަރުވުމުން މިއަދު އަލުން ވޯޓު ނެގިއިރު، މިވޯޓުން މީޑީއާ ކައުންސިލްގެ ރައީސްއަކަށް ސަޤީފް ހޮވިފައިވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
މިއަދު ނެގި ވޯޓުން ސަގީފަށް 8 ވޯޓު ލިބުނުއިރު، ޝަނާއަށް ލިބުނީ 7 ވޯޓެވެ.
މީގެއިތުރުން، އެކައުންސިލްގެ ނައިބު ރައީސަކު ހޮވަން އާދިއްތަ ދުވަހު ނެގި ވޯޓުގައި ނުވަ ވޯޓުން ކުރިހޯދައިގެން އެ މަގާމަށް އިންތިޚާބުވީ އަމިއްލަ ގޮތުން ކައުންސިލަށް ހޮވުނު އިބްރާހީމް މުޙައްމަދެވެ.
މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެންބަރުން ތިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ މީޑިއާތަކަށް ނިސްބަތްވާ 8 ނޫސްވެރިންނާއި އަމިއްލަ ގޮތުން ހޮވާ 7 މެންބަރުންނެވެ. އެ ކައުންސިލްގެ މެންބަރެއްގެ ދައުރަކީ ދެ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް