ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް – ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި އާންމު ވައި ބާރުވާނެ

ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާއިރު ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި އާންމު ވައި ބާރުވާނެކަމުގައި މެޓުން ބުނެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ...

16 Dec 2024 | 08:40

ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާއިރު ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި އާންމު ވައި ބާރުވާނެކަމުގައި މެޓުން ބުނެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ މޫސުމީ ޚަބަރެއްގައެވެ.

މޫސުމީ އެ ޚަބަރުގައި މެޓުން ބުނެފައިވަނީ މިދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މޫސުން ބަދަލުވާ ދުވަސްވަރު މި ސަރަހައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށވެ. އެގޮތުން ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ދެކުނުގެ އިންޑިއާގެ ޓެމިލްނާޑޫގެ އަށްސޭރިފަށާ ދިމާލައަށް ޖެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުނެފައިވެއެވެ.

މެޓުން ބުނެފައިވަނީ މި ދެ ކޮޅިގަނޑާ ގުޅިގެން 18 ޑިސެމްބަރު ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގެ އާންމު ވައި ބާރުވާނެ ކަމަށް ބެލެވޭކަމަށާއި އާންމު ގޮތެއްގައި ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭކަމަށެވެ.

"އެހެންކަމުން އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް ގަދަވާނެކަމަށް ބެލެވޭއިރު، ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ، މިދުވަސްވަރު ގަދަވަޔާއިއެކު ވިއްސާރަކޮށް ގުގުރުމާއިއެކު ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލާއި 50 މޭލާއި ދެމެދަށް ވައިގަދަވުންވެސް އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

ވީމާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން، މި ސާވިސް އިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަން ދެއްވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް