ލިއޮނެލް މެސީ ޕީއެސްޖީގައި މަޑުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ޕީއެސްޖީގެ ރައީސް އަލް ޚެލައިފީ ބުނެފިއެވެ.
އަލް ޙެލައިފީ ބުނީ މެސީ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އޭނާ ކުލަބު ދޫކޮށް ނުދާނެ ކަމަށާއި އެކަމަށް ފުރިހަމަ ޔަގީން ކަން އެބައޮތް ކަމަށެވެ.
" އަހަރެން ޝައްކެއް ނުކުރަން، މެސީ ކުލަބުގައި މަޑުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް." އަލް ޚެލައިފީ ބުންޏެވެ.
ޚެލައިފީ ބުނީ ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕަށް ފަހު މެސީއާއި އެކު އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ކުރިޔަށް ދާނެ ކަމަށާއި ބޭނުން ވަނީ އިތުރު ދެ ސީޒަން މެސީ ކުލަބުގައި މަޑުކުރުން ކަމަށެވެ.
" ވޯލްޑް ކަޕް ނިމުން މެސީގެ އެއްބަސްވުން އާކުރުމަށް މަޝްވަރާ ކުރާނަން. އަހަރެމެން ބޭނުން ވަނީ މެސީ އިތުރު ދެ އަހަރު ކުލަބުގައި މަޑުކުރުވަން." އަލް ޚެލައިފީ ބުންޏެވެ.
އޭނާ އިތުރަށް ބުނީ މެސީ ކުލަބުގައި ހުރީ ވަރަށް ހިތަހަމަޖެހިގެން އުފަލުން ކަމަށާއި ކުލަބުގެ ފަރާތުން މެސީއަށް މަދުވާނޭ ހަމަ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެހެން ކަމުން މެސީ ކުލަބު ދޫކޮށް ދާން ޖެހޭނޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޚެލައިފީ ބުންޏެވެ.
މެސީ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، މި ސީޒަނަށް ފަހު އޭނާ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި މެސީގެ ކުރީގެ ކުލަބު ބާސެލޯނާއާއި ގުޅެން އުޅޭކަމުގެ އަޑުތަކެއް ވެސް މީޑިއަަގައި ވަނީ ފެތުރިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް