ހިތަދޫ ޕޯޓުގެ 17 ވަނަ އަހަރީ ދުވަހުގެ ހަފްލާ ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޝާހިދު ވަނީ މަދު ވަސީލަތްތަކާއި އެކު ފާއިތުވި 17 އަހަރު ދުވަހު މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ހިދުމަތް ފޯރުކޮށްދީ، ދެކުނުގެ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެންކަން ފާހަގަކުރައްވައި އަދުގެ ސަރުކާރުން ޕޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާ ޕްލޭނަށް ޝާހިދު ވަނީ އަލިއަޅުއްވާލައްވާފައެވެ.
އަދި ޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓް މާ ލަސްތަކެއް ނުވެ ފެށިގެން ދާނެކަމަށާއި ޕްރޮޖެކްޓް ފުރިހަމަވުމުން ރާއްޖެއިން ބޭރުން އަންނަ ކާގޯ އުޅަނދު ފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ހާއްސަ ކުރެވި، ޑޮމެސްޓިކް އުޅަނދުތަކަށް ހާއްސަ 165 މީޓަރުގެ މަގަތު ފާލަމެއް ލިބިގެންދާނެކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ހިތަދޫ ޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓިއަށް ބޮޑެތި ބަދަލުތަކެއް ލިބެގެންދާނެކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
އައްޑޫ ހައި ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ހިތަދޫ ޕޯޓަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވުމަށްފަހު ރިޓަޔަރ ކުރެއްވި 2 މުވައްޒަފަކަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
މީގެ އިތުރުން މި ހަފްލާގައި ވަނީ ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 26 މުވައްޒަފަކަށާއި 13 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ 15 މުވައްޒަފަކަށް ހަނދާނީ ފިލާ އަރުވާފައެވެ.
މި ހަފްލާގައި އެމްޕީއެލްގެ ބޯޑު މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް