ޕޯޗުގަލް ފޯވާޑް އަދި ރެއާލް މެޑްރިޑުގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން އެނބުރި ރެއާލް މެޑްރިޑާއި ގުޅުމަކީ ލިބޭނޭ އެންމެ ބޮޑު އުފާކަމަށް އެޓީމުގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ބުނެފިއެވެ.
ވޯލްޑް ކަޕް މުބާރާތުގެ ކުއާޓާއާއި ހަމައިން މުބާރާތް ނިންމާލަން ޖެހުނު ރޮނާލްޑޯ މިހާރު ވަނީ ރެއާލް މެޑްރިޑް ގައި އޭނާގެ ފަރިތަކުރުންތައް ފަށާފައެވެ.
ރެއާލްގެ ފަރިތަކުރުންތައް ކުރިޔަށް ގެންދާ ގްރައުންޑް ގައި ރޮނާލްޑޯ ފަރިތަކުރުންތައް ފެށީ މީގެ އެއްދުވަސް ކުރިންނެވެ.
ފްރީ އެޖެންޓެއްގެ ގޮތުގައި މިވަގުތު ހުރި ރޮނާލްޑޯ ރެއާލް ގައި ފަރިތަކުރުންތައް ކުރިޔަށް ގެންދާއިރު، އޭނާ އަލުން އެނބުރި ރެއާލް އާއި ގުޅިދާނެ ތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ.
ރޮނާލްޑޯ އާއި އެކު ރެއާލްގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ބުނީ ރޮނާލްޑޯ އެނބުރި ރެއާލަށް އައުމަކީ އުފާކުރާނޭ ކަމެއް ކަމަށާއި އޭނާ އަދިވެސް ހުރީ ރޮނާލްޑޯ އާއި އެކު ކުޅެ ކާމިޔާބީތައް ހޯދުމުގެ އަޒުމުގައި ކަމަށެވެ.
ބެންޒެމާ ބުނީ ރޮނާލްޑޯ އެނބުރި އައިސްފި ނަމަ ކުރިން ވެސް ރޮނާލްޑޯއަށް އެހީތެރިކަން ފޯރުކޮށްދިން ގޮތައް އަދިވެސް އެހީތެރިކަން ފޯރުކޮށްދޭނޭ ކަމަށެވެ.
" ރޮނާލްޑޯ އެނބުރި ރެއާލަށް އައިސްފި ނަމަ އެކަމާއި އެންމެ އުފާކުރާނީ އަހަރެން. އެއީ އަހަރެންގެ އުންމީދެއް. ކުރިން ވެސް ރޮނާލްޑޯއަށް އެހީތެރިކަން ފޯރުކޮށް ދިން ގޮތައް އަދިވެސް އެހީތެރިކަން ފޯރުކޮށް ދޭނަން." ބެންޒެމާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް