ރިޝްވަތު ހިފުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް - ހުކުރު ޚުތުބާ

ރިޝްވަތު ހިފުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. ރިޝްވަތު ހިފުމާއި ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއ...

16 Dec 2022 | 08:46

ރިޝްވަތު ހިފުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ރިޝްވަތު ހިފުމާއި ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި ހިޔާނާތްތެރިވުމާއި މަކަރާއި ހީލަތް ހެދުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެއީ އެ އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް الله ގެ ލައުނަތް ހައްގުވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.

އެގޮތުން ރިޝްވަތަކީ، އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތްﷲ ގެ ލަޢުނަތް ޙައްޤުވެގެންވާ ކަމެއް ކަމަށް ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައި ވާކަމަށާއި އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ، މިފަދަ ކަންކަމުން ދުރުހެލިވެ، އެހެން މީހުންވެސް ދުރުހެލި ކުރުމަށް މަސައްކަތް ކުރުންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ފިލުވައިލަން އެންމެ އުދަނގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށާއި އެގޮތުން ރިޝްވަތަކީ ހައްގު ނޫން ގޮތަކަށް ކަމެއް ނުވަތަ އެއްޗެއް ލިބިގަތުމަށް ނުވަތަ ހޯދައިދިނުމަށް ދެވޭ ކޮންމެ އެއްޗެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އަދި ތިމާ ނުވަތަ އެހެން މީހަކު ކަމަކުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެހެން އެއްޗެއް ދިން ނަމަވެސް އެއީ ރިޝްވަތު ކަމަށާއި ގަވާއިދާ ހިލާފަށް ކަންކަން ނިންމުމަށް ނުވަތަ ކުރުމަށް ދޭ ފައިސާއާއި ތަކެއްޗާއި ކެއުމާއި ސައި އަދި މިނޫންވެސް މިފަދަ މަންފާތައް ހައްގު ނޫން ފަރާތްތަކަށް ހޯދައިދިނުމަށް ދެވޭ ކޮންމެ އެއްޗެއްވެސް ވާނީ ރިޝްވަތަށް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ރިޝްވަތުގެ ތެރެއިން ލިބޭ މަންފާއެއްގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް، ރިޝްވަތު ދޭ މީހުންނާއި، ރިޝްވަތު ހިފާ މީހުންނާއި، ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުންނަށް ފަހުން ލިބޭ ގެއްލުމާއި ހަލާކު މާބޮޑުކަން ވިސްނައިލަން ޖެހޭ ކަމަށާއި ކޮރަޕްޝަންގެ ތެރެއިން ނުވަތަ ޙަރާމް ގޮތްގޮތުން ފައިސާ ހޯދައިގެން އެ ތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވެދާނެ ކަމެއްކަމަށް ވެސް ޚުތުބާގައި ފާހަގަކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް